އެމްޑީޕީން ކަންބޮޑުވަނީ ވައްކަންތައް ތަހުގީގުކޮށްފާނެތީ: އަޒާން

އެމްޑީޕީން ކަންބޮޑުވަނީ އެ ބޭފުޅުންގެ ވައްކަންތައް ތަހުގީގުކޮށްފާނެތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މިއަދު ވިދާޅުވެއްޖެ އެވެ.
މާލިއްޔަތު ކޮމިޓީން ދިރާސާކުރި 2010- 2021 ވަނަ އަހަރާ ދެމެދުގެ ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓްތައް މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި އެކަމާ ގުޅޭ ގޮތުން ކުރި ބަހުސްގައި އަޒާން ވިދާޅުީ 20 ވަނަ މަޖިލިސް ފެށިގެން ވެސް މާލިއްޔަތު ކޮމިޓީގައި އޮޑިޓްތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުން ވެސް އެ އޮޑިޓްތަކުގެ މަސައްކަތް ކުރަން އެމްޑީޕީ މެމްބަރުން ދެކޮޅު ހެދި ކަމަށެވެ.
އެގޮތުން އެތައް ސަތޭކަ އޮޑިޓެއް ކުރަން ހުރި ކަމަށާއި އެކަން މި 5 އަހަރުގެ ތެރޭގައި ވެސް ނުވާނެ އެމްޑީޕީގެ މެމްބަރުން ވިދާޅުވިކަން އަޒާން މިއަދު ފާހަގަކުރެއްވި އެވެ.
އެހެން ނަމަވެސް އެ ދުވަހު ވެސް އެކަމާ ދެކޮޅު ހަދައި އޮޑިޓްތައް ބެލުމަކީ ކޮމިޓީގެ ޒިންމާއެއްކަން ހަނދާންކޮށްދެއްވި ކަމަށް އަޒާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެތައް ޒަމާނެއް ވަންދެން ދިރާާސާ ނުކޮށް ހުރި އޮޑިޓް ރިޕޯޓްތައް މިހާރު ދިރާސާ ކުރަން ފަށާފައިވާ ކަމަށެވެ.
"އެކަންތައްތަކުން ވެސް ފެންނަނީ އެމްޑީޕީގެ ވެރިކަމުގައި ކޮށްފައި އޮތް ވައްކަންތައް. ކުރިއަށް އޮތްތަނުގައި ވެސް ފެންނާނެ އިތުރު ވައްކަންތައް ތިލަވެގެންދާނެ. އެބޭފުޅުން މިހާރު ކަންބޮޑުވަނީ އެބޭފުޅުންގެ ވައްކަންތައް މިކޮމެޓީތަކުން ބަލާ، ކަމާ ގުޅޭ އިދާރާތަކުން ތަހްގީގު ކުރަން ފަށާފައި ވާތީ." އަޒާން ވިދާޅުވިއެވެ.
މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ނިމިގެން ދިޔަ ސަރުކާރުގައި ބޮޑެތި އަދަދުތަކުން ބަދަލު ދިން މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ކުރީގެ އިކޮނޮމިކް މިނިސްޓަރުގެ މައްޗަށް ތަހުގީގެއް ހިންގަން ލަފާ ދޭން ވެސް ފާސްކޮށްފަ އެވެ.