ލާދީނީ ރިޕޯޓެއް ނެރުނު އެމްޑީއެން އާއި ދެކޮޅަށް ބޭއްވި އިހުތިޖާޖެއްގައި ބައިވެރިވި މެޖިސްޓްރޭޓަކަށް ނަސޭޙަތް ދެނީ

އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓެއް ތައްޔާރުކުރި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި ދެކޮޅަށް ބޭއްވި އިހުތިޖާޖެއްގައި ބައިވެރިވި މެޖިސްޓްރޭޓަކަށް ނަސޭޙަތް ދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
އެމްޑީއެން އާއި ދެކޮޅަށް ފިޔަވަޅު އަޅަން ގޮވާލާ ބޭއްވި ހަރަކާތުގައި ބައިވެރި ވެފައިވަނީ ރ. ހުޅުއްދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާ އެވެ.
މިކަމާއި ގުޅޭގޮތުން ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޑީއެންއާ ދެކޮޅަށް ބޭއްވި ހަރަކާތުގައި އިސް މެޖިސްޓްރޭޓް މުސްތަފާ ބައިވެރިވިކަން އެ ކޮމިޝަންގެ ތަހުގީގަށް ސާބިތުވެފައިވާ ކަމަށާއި އެކަމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފް ކަމެއް ކަމަށެވެ.
އެހެންކަމުން މެޖިސްޓްރޭޓް މުސްތަފާ އާއިމެދު ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދިނުމާއެކު އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރަން އެންގުމަށް ނިންމާފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
އެމްޑީއެން އިން ނެރުނު ލާދީނީ ރިޕޯޓާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިހުތިޖާޖު ކޮށްފައިވެއެވެ. އެމައްސަލަ ފުލުހުން ބަލަމުން ދަނިކޮށް ސަރުކާރުން ވަނީ އެޖަމިއްޔާ އުވާލުމަށް ނިންމާފައެވެ. ނަމަވެސް އޭގެފަހުން ވެސް އެމްޑީއެންގެ މެމްބަރުން ދަނީ އެކިއެކި ކަންކަމާއި ގުޅިގެން އެޖަމިއްޔާގެ ފަރާތުން ބަސް ބުނަމުންނެވެ.
އިސްލާމްދީނާއި ދެކޮޅަށް ރިޕޯޓު ނެރުނު މައްސަލައިގައި އެމްޑީއެންގެ އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރު ކޮށްފައެއް ނުވެއެވެ.