އުސޫލާ ހިލާފަށް ބިން ވިއްކި ވާހަކަ އެޗްޑީސީން ދޮގުކޮށްފި
ބިޑު އުސޫލާ ހިލާފަށް ހުޅުމާލޭން ބިން ވިއްކި ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގުކޮށްފި އެވެ.
އެޗްޑީސީން އެހެން ބުނީ ސަރުކާރުގެ ވެރިންނަށް ނުއަގުގައި އެޗްޑީސީން ބިން ވިއްކި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކާ ގުޅިގެންނެވެ.
އެޗްޑީސީން ރޭ ނެރެނު ނޫސް ބަޔާނެއްގައި ބުނީ ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލޭން ބިން ވިއްކާފައި ވަނީ އާންމުކޮށް އިއުލާނުކުރުމާ އެކު، ހުޅުވާލެވިފައިވާ ބިޑިން ޕްރޮސެސްއެއްގެ ތެރެއިން ކަމަށެވެ. އަދި ބިން ގަތުމުގެ ފުރަތަމަ މަރުހަލާއަކީ ކަނޑައެޅޭ ބިމަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުން ކަން އެ ކޯޕަރޭޝަނުން ފާހަގަކުރި އެވެ.
އެޗްޑީސީން ބުނީ އެއަށްފަހު އީއޯއައި ހުށަހެޅި ފަރާތްތަކަށް ބިޑު ކުރުމަށް ހުޅުވާލެވޭ ކަމަށާއި ބިން ގަތުމުގެ ފުރުސަތު ދީފައި ވާނީ ބިޑު ކުރުމަށް ކަނޑައެޅިފައިވާ ވަގުތު ނިމޭއިރު އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް ކަމަށެވެ.
ބިން ގަތުމަށް އީއޯއައި ހުށަހެޅޭނީ އިއުލާނުކޮށްފައިވާ ބިމުގެ ބޭސް ރޭޓަށް ވުރެ ދަށް ނޫން އަގެއްގައި ކަމަށާއި ބޭސް ރޭޓުގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެ ކޯޕަރޭޝަނުގެ ޑިރެކްޓަރުންގެ ބޯޑުން އެންޑޯޒްކޮށްފައިވާ ރޭޓުތަކެއް ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ނޫސް ބަޔާނުގައި އެޗްޑީސީން ވިއްކި ތިން ބިމުގެ ތަފްސީލު އެނގޭ ގޮތަށް ހިމަނާފައިވެ އެވެ.
"ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލޭން ގޯތިތަކެއް ދިން މައްސަލައެއް ވެސް ފެންމަތިވެފައިވެ އެވެ. އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ފަށާފައިވާއިރު، ބަލަމުން ދަނީ ޑޮކިއުމެންޓުތަކެއް ފޯޖުކުރި މައްސަލަ އެވެ.
ޝަރުތު ހަމަނުވިޔަސް ގޯތި ދޫކުރި މީހުންގެ ތެރޭގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނެ އެވެ.
އެ މައްސަލާގައި އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑު މެންބަރުން ސަސްޕެންޑްކޮށް, އެމްޑަބްލިޔުއެސްސީން ފަޒީލް ސަސްޕެންޑްކުރި އެވެ. ސަސްޕެންޑްކޮށްފައިވަނިކޮށް ރޭގެ ވަގުތެެއްގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަޒުލް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.