1.2 މިލިއަން ޑޮލަރު ނަގައިދިނުމަށް އެދި ބައްސާމްގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލައިފި
ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާ އުފުލައިފައިވާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލައިިފި އެވެ.
އެފްއޭއެމް އަށް ދުނިޔޭގެ ފުޓުބޯޅަ އިދާރާ (ފީފާ)އިން ފޮނުވި 10،000 ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ އަމިއްލަ ކަންކަމުގައި ބޭނުންކޮށްފައިވާތީ ބައްސާމްގެ މައްޗަށް އެންމެ ފުރަތަމަ ދައުވާ އުފުލީ މިދިޔަ ޖެނުއަރީ މަހު އެވެ.
އެ މައްސަލަ މިހާރުވެސް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ އިރު މިރޭ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ އިތުރު ދެ ދައުވާއެއް އޭނާގެ މައްޗަށް އުފުލާފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެއް ދައުވާއަކީ އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާއި ގުޅުން އޮންނަ ފަރާތްތަކާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ބައްސާމް ޖަމާކޮށް ނަހަމަ ގޮތުގައި ބޭނުންކޮށް މަނީލޯންޑްރިންގެ އަމަލުތައް ހިންގުމެވެ.
އެ ދައުވާގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ދެވަނަ ދައުވާއެއްގެ ގޮތުގައި ބައްސާމްއަށް ކޮށްފައިވާ ދައުވާއަަކީ މަނީލޯންޑްރިންގެ އިތުރު ދައުވާއެކެވެ.
އެއީ ބައްސާމް އަމީން އެވެނިއުގެ ބްލޮކް A ގެ 12 އަދި 13 ވަނަ ފަންގިފިލާގެ 8 ކޮޓަރިއާއި 10 ފާހަނައިގެ ނަންބަރު A1205 އާއި A1206 އެޕަރޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން، އަމީން ކޮންސްޓްރަކްޝަންއަށް ޖީއެސްޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ 25 މިލިއަން ރުފިޔާގެ ތެރެއިން ބުކިން ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކި އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަންއަށް ދެއްކުމުގެ ކުށާ ގުޅިގެން ނެވެ.
އެ ދައުވާގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެއް ލައްކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ދައުވާތަކުގެ އިތުރުން ޕީޖީ އޮފީހުން ވަނީ ބައްސާމް ހިންގި ހިޔާނާތާ ގުޅިގެން އެފްއޭއެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 1.2 މިލިއަން އެމެރިކާ ޑޮލަރު ބައްސާމުގެ އަތުން ނަގައިދިނުމަށް ވެސް އެދިފަ އެވެ.
އަދި އޭގެ އިތުރުން މަނީލޯންޑާ ކޮށްފައިވާ ފައިސާ ބޭނުންކޮށްގެން ބައްސާމް ހޯދައި ލިބިގަނެ ބޭނުންކުރަމުން ގެންދިޔަ އަމީން އެވެނިއު އެޕަރޓްމަންޓް A1205 އަދި A1206 ދައުލަތަށް ނަގައިދިނުމަށް ވެސް އެދިފައި ވެއެވެ.