އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު މިރޭ ތުހުމަތުކޮށްފި އެވެ.
ވެރިކަން ކުރާ މައި ޕާޓީ، ކޮންގްރެސް ޕާޓީން ހ. ވެޔޮވިލާ ގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފޭދު ދާއިރާގެ ކުރީގެ މެންބަރު ނިހާދު ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހަށް ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2 މިލިއަނާ ހަމަކުރަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ފަތުރުވެރިކަމަށް ހުރަސް އެޅުމަށް އެމްޑީޕީ އިސްވެ އޮވެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން މާލެ ކައިރީގައި އެއް ފަޅުތެރެއެއްގައި އޮތް ތިން ރިސޯޓެއްގައި އެމްޑީޕީން ބައްދަލުވުމެއް ބާއްވަން އެދުމުން މި ދުވަސްކޮޅު ރިސޯޓް ފުލްވެފައިވާތީ ނުބޭއްވޭނެ ކަމަށް އެންގުމުން ހުއްދަ ނުލިބުނަސް އެ ރިސޯޓަށް އެމްޑީޕީން އަރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ނިހާދު ތުހުމަތުކުރި އެވެ. ރިސޯޓަކަށް އެރުމަށް ޓަކައި ރާވާފައި ވަނީ މާދަމާ ހަވީރު ހަަތަރެއް ޖަހާއިރު ކަމަށް އޭނާ ވިދާޅުވި އެވެ. އެ ރިސޯޓަށް އެރުމުގެ ފަހަތުގައި ހުންނެވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކަމަށް އޭނާ ތުހުމަކުރި އެވެ.
"...މި ކަމުގައި ބައިވެރިވަނީ ހަމަ ސީދާ ކަނޑައެޅިގެން މި ދިވެހިރާއްޖޭގެ އިގުތިސޯދު ފުޑާލުމަށް ޓަކައި މީގެ ކުރީގައި ވެސް މަސައްކަތްތަކެއް ކޮށްފައިވާ އެމްޑީޕީ. އެ ލީޑާޝިޕްގެ ބްރޯ،" ނިހާދު ވިދާޅުވި އެވެ.
ނިހާދު ވިދާޅުވީ އެކަން ކުރަނީ ލޭބާ ޔޫނިއަންގެ އިތުރުން އެހެން ޔޫނިއަންތަކެއް ގުޅިގެން ކަމަށެވެ. ސީދާ ވަކި ރިސޯޓެއް ނިހާދު ވިދާޅެއް ނުވެ އެވެ.
"އެހެންނަމަވެސް ލިޔުމުން އިންޒާރު ދީފައި ވަނީ ތިމަންނަމެން އެ ބައްދަލުވުން ބޭއްވުމަށް ޓަކައި ތި ރަށަށް އަރާނަމޭ. އަޑުގަދަކުރާޔާ އެކީގައި ތިމަންނަމެން ތި ރަށަށް ދޯނި ފަހަރުތަކުގައި ދާނަމޭ،" ނިހާދު ވިދާޅުވި އެވެ.
އެކަން ކުރަނީ މިދިޔަ ސަރުކާރުން ބަދަލުގެ ގޮތުގައި ދީފައިވާ ރަށާއި ފަޅުތަކުގެ މައްސަލަ ބަލަމުންދާތީ ކަމަށް ވިދާޅުވި އެވެ.
ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން އެމްޑީޕީގެ ނިމިދިޔަ ސަރުކާރުން ސޮއިކޮށްފައިވާ ބަދަލު ދިނުމުގެ 9 އެއްބަސްވުމަކީ ބާތިލު އެއްބަސްވުންތަކެއް ކަމަށް މިދިޔަ ހަފުތާގައި އެޓާނީ ޖެނެރަލް ވަނީ ނިންމަވާފަ އެވެ. އެ އެއްބަސްވުންތަކަކީ އަމަލުކުރަން ނުޖެހޭ އެއްބަސްވުންތަކެއް ކަަމަށް ކަމާ ބެހޭ ދައުލަތުގެ އިދާރާތަކަށް ވަނީ އަންގަވާފަ އެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެއްވެސް މީހަކު އެފަދަ އަމަލެއް ކުރުމުގައި ބައިވެރިނުވާން ނިހާދު ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމްޑީޕީން ރިސޯޓުތަކަށް އަރަން ރާވަމުންދާ ކަމަށް ނިހާދު ވިދާޅުވީ ކޮން ވާހަކައެއްގެ މައްޗަށް ބިނާކޮށެއް ކަމެއް ވިދާޅެއްނުވެ އެވެ. އަދި އެ މައުލޫމާތު ލިބިވަޑައިގެންނެވި ގޮތެއްވެސް ހިއްސާއެއް ނުކުރެ އެވެ.