އިޒްރޭލުގެ ގައުމީ ސަލާމަތާބެހޭ މިނިސްޓަރު އަގްސާ މިސްކިތަށް ވަނުން ރާއްޖޭން ކުށްވެރިކޮށްފި
އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު، މަސްޖިދުލްއަގްސާއަށް ވަނުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު، އަލް-އަގްސާއަށް ވަނުމަކީ އިސްލާމީ މުގައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީހީ ހައިސިއްޔަތު ބަދަލު ކުރުމަށް ތަކުރާރުކޮށް އެ ގައުމުން ކުރަމުންދާ އަމަލެއް ކަމަށެވެ. އެކަމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމުގައި ދިވެހި ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.
"އަދި މިއީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާއި އެކު ދުނިޔޭގެ 2 ބިލިއަނަށް ވުރެ ގިނަ މުސްލިމުންގެ ހައްގުތަކަށް އަރައިގަތުމުގެ އަމަލެއް ކަމުގައި ވެސް ދިވެހި ސަރުކާރުން ދެކެމެވެ،"
މިފަދަ އަނިޔާވެރި އަމަލުތައް ހިންގުން ހުއްޓުވުމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކަށް އިހުތިރާމުކުރުން ކަށަވަރު ކުރުމަށް ހަރުދަނާ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖެއިން ގޮވާލާ ކަމަށެވެ.
އިޒްރޭލުގެ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނެރުނު ބަޔާނުގައި އިތުރަށް ބުނި ގޮތުގައި މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ސުލްހަވެރި ހައްލެއް ގެނެވޭނީ 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށް ކަމުގައި ކަނޑައެޅުމުން ކަމުގަ އެވެ. އޭގެ އިތުރުން މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރެވުމުން ކަމުގައި ދެކޭ ކަަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.