ރައީސް ޑރ މުއިއްޒުގެ ސަރުކާރުން އިދިކޮޅު މެންބަރުންނާ ފުރުއްސާރަ ކުރަމުންދާ ކަމަށާއި، ސަރުކާރުން މަސައްކަތްކުރަނީ ބާރުގެ ބޭނުންކޮށްގެން ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ޑިމޮކްރަސީ އަށް ހުރަސްއަޅަން ކަމަށް ބުނެ އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއްކޮށް އެމްޑީޕީން ބަޔާނެއް ނެރުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މަގު ހަދާ ކުންފުނި އާރްޑީސީއަށް ތުހުމަތުކުރެވޭ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ދިރިއުޅޭގެ ބުރާސްފަތި ދުވަހުގެރޭ ދަންވަރު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ފާސްކުރުމާ ގުޅިންނެވެ.
ރޭގަނޑު ދަންވަރު މޫކޭގެ ގެއަށް ފުލުހުން ވަނުން، އެމްޑީޕީން ސިފަކުރީ އިދިކޮޅު މެންބަރުންނަށް އިންޒާރު ދިނުމަށް ކުރިއަށްގެންދާ ޓްރެންޑެއްގެ ތެރެއިން ކުރިކަމެއް ގޮތުގަ އެވެ.
"މިކަމުގެ ސަބަބުން, ރައީސް މުއިއްޒުގެ ސަރުކާރުގައި ރާއްޖޭގައި ޑިމޮކްރަސީ އާއި އަސާސީ ހައްގުތައް ގެއްލެމުންދާތީ ރައްޔިތުން ކަންބޮޑުވޭ" އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ބުންޏެވެ.
އެމްޑީޕީގެ މެމްބަރުންނަށާއި އިދިކޮޅު އެހެން މެންބަރުންނަށް ފުރައްސާރަކޮށް ދޮގު ވާހަކަތައް ސަރުކާރުން ފަތުރަމުންދާ ކަމަށް އެ ޕާޓީން ބުންޏެވެ.
މި ސަރުކާރުން އެމްޑީޕީއަށް އަމާޒުކޮށް ބަލާ ބައެއް މައްސަލަތައްވެސް ބަޔާނުގައި ހިމަނާފައިވެ އެވެ.
އެއީ:
- ކުރީ ސަރުކާރުގައި ދައުލަތުން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކާއެކު ހެދިފައިވާ ބަދަލުގެ އެއްބަސްވުންތަކާ ގުޅިގެން ސޯލިހާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕަސަން ފައްޔާޒު އިސްމާއިލްގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްސަލަ ބަލަން އެންގުން.
- ކޮރަޕްޝަންގެ ތުހުމަތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށާފައިވާ ތަހުގީގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ ޕާސްޕޯޓް ހިފެހެއްޓުން.
- ސޯޝަލް މީޑިއާގައި "އިންޒާރުދޭ" ޕޯސްޓެއް ކުރި ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓު ހުސައިން ޝާފިއު ފުލުހަށް ހާޒިރު ކުރުން.
- އެމްޑީޕީ ޖަލްސާއެއްގައި ދެއްކި ވާހަކައަކާ ގުޅިގެން ފައްޔާޒަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިނުން.
އެމްޑީޕީން ބުނީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން މިނިވަން މުއައްސަސާތަކުން ކޮރަޕްޝަނުގެ މައްސަލަތައް ބަލަން އެ ޕާޓީން ތާއީދުކުރާ ކަމަށާއި ނަމަވެސް އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހާއެކު، އެ ކޮމިޝަންގެ މިނިވަންކަމަށް ހުރަސްއެޅިފައިވާ ކަމަވެ.
މި ބަދަލުގެ ސަބަބުން އޭސީސީގެ ވެރިޔަކު ހޮވުމުގެ ފުރިހަމަ ބާރު ރައީސް މުއިއްޒަށް ލިބި، އެ ކޮމިޝަން ކޮންޓްރޯލްކޮށް އަމިއްލަ ސިޔާސީ މަގްސަދުތަކަށް ބޭނުން ކުރުމުގެ ފުރުސަތު ސަރުކާރަށް ވަނީ ލިބިފައި
ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ފުލުހުން ބޭއިންސާފުން އަމަލު ކުރަމުންދާ ކަމަށް ތުހުމަތު ކުރަމުން އެމްޑީޕީން ބުނީ އެކަމުގެ ސަބަބުން ރާއްޖޭގެ ނިޒާމުތަކަށް އޮތް އިތުބާރު ގެއްލޭ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުގެ މައްސަލަތައް ބަލަނީ މި ސަރުކާރަށް ކުރާ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އޮއްބާލަން ކަމަށް އެ ޕާޓީން ބުންޏެވެ.
އޭގެ ތެރޭގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމާއި މާލެ ސަރަހައްދުން ބިން ވިއްކުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހިންގި ކޮރަޕްޝަންތަކެއް ހިމެނޭ ކަމަށް އެމްޑީޕީން ތުހުމަތު ކުރި އެވެ.
އެމްޑީޕީން ބުނީ އެމައްސަލަތައް ބަލަން އެ ޕާޓީން އޭސީސީ އާއި ފުލުހު ގައި އެދިފައިވާނެ ކަމަށެވެ.
"...ރައީސް މުއިއްޒަށް އެ ކޮރަޕްޝަންގެ އަމަލުތައް އެނގިވަޑައިގެން އެކަމުގައި އެމަނިކުފާނުވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ތުހުމަތު ކުރެވޭ. ނަމަވެސް މިހާތަނަށް ހަގީގީ ތަހުގީގެއް ފަށާފައެއް ނުވޭ"
ދެފުށް ފެންނަ އަދި ޖަވާބުދާރީވުމުގެ އުސޫލަށް އަމަލުކުރުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައުން އެކަން ހިނގަމުންދާ ގޮތް ގާތުން ބެލުމަށްވެސް އެ ޕާޓީން ގޮވާލި އެވެ.
ތިކިޔާ ޑިމޮކްރަސީއަކި އަހަރެމެންގެ ހަލާކު ކަލޭމެން ހުޅަގުން ގެނައި އެއޗެއްގަ އެންމެންވެސް ހިފާ ދަމަނީ އެއަށް ނޫނެކޭ ބުނާނެ މީހަކު ނެތް