ޑޮލަރު މާރުކުރަން މަޖުބޫރުކުރާ ބޭރު ފައިސާގެ ގާނޫނަށް އަމަލުކުރަން ފަށައިފި
ޑޮލަރު މާރުކުރަން މަޖުބޫރުކުރާ, ބޭރު ފައިސާއާ ބެހޭ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.
ބޭރު ފައިސާ އާ ބެހޭ ބިލު ރައްޔިތުންގެ މަޖިލިހުން ފާސްކުރީ ނިމިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. އެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.
އެ ގާނޫނަކީ ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުއާމަލާތްތައް ކަނޑައަޅާ, ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރުމާއި ބޭރުކުރުމާއި ގެންގުޅުމާއި ޖަމާކުރުމާއި މާރުކުރުމާ ބެހޭ އުސޫލުތަކާއި އެނޫންވެސް ބޭރު ފައިސާާ އާއި ބޭރު ފައިސާ އާ ބެހޭ މުއާމަލާތްތަކާ ގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާނޭ ކަމާ ބެހޭ ހަރުދަނާ އޮނިގަނޑެއް އެކުލަވާލާފައިވާ ގާނޫނެކެވެ.
އެ ގާނޫނުގެ ދަށުން ބޭރު ފައިސާއިން އާމްދަނީ ލިބޭ، ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތަކުން ވަކި މުއްދަތުތަކެއްގައި އެމްއެމްއޭގައި ރަޖިސްޓްރީކުރަން ޖެހެ އެވެ.
އެ ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތްތަކުން ލިބޭ ބޭރު ފައިސާގެ އާމްދަނީ, ރާއްޖޭގައި ގާއިމުކޮށްފައިވާ ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޓްރާންސްފާކުރާ ގޮތަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
ކެޓަގަރީ އޭ ގައި ޓޫރިސްޓް ރިސޯޓްތަކާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓްތަކާއި ފްރައިވެޓް އައިލެންޑްތަކާއި ރިސޯޓް ހޮޓާތަކާއި އެނޫންވެސް އެފަދަ ތަންތަން ހިމެނޭއިރު، ކެޓަގަރީ ބީ ގައި ހިމެނެނީ ޓޫރިސްޓް އުޅަނދުތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކެވެ.
ކެޓަގަރީ އޭއަށް ލިބޭ ފައިސާ މާރުކުރެވޭނެ ދެ ގޮތެއް ގާނޫނުގައި ބުނެފައިވެ އެވެ. އެއް ގޮތަކީ އެ ތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރުމާއި ކޮންމެ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީން 20 އިންސައްތަ މާރުކުރުމެވެ.
ކެޓަގަރީ ބީ އަށް ލިބޭ ފައިސާ މާރުކުރެވޭނީ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ކޮންމެ މަހެެއްގެ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތައިން މާރުކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން ޓޫރިޒަމް ދާއިރާ އާއި މާލީ އިދާރާތައް ފިޔަވާ އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަކުން 15 މިލިއަން ލިބޭ ފަރާތްތަކުން އެ ފައިސާގެ ތެރެއިން ކޮންމެ އަހަރަކު ލިބޭ އާމްދަނީގެ 20 އިންސައްތަ ބޭންކަށް މާރުކުރަން ޖެހެ އެވެ.
އެ ގާނޫނު ހިންގައި ތަންފީޒުކުުރުމުގެ މައި އިދާރާއަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކަމަށްވާއިރު، މިއަދުން ފެށިގެން 2 މަސް ދުވަހުގެ ތެރޭގައި އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް އެކުލަވާލަން ޖެހެ އެވެ.