ފޮޓޯ ސްޓޯރީ

މާދަމާއިން ފެށިގެން ތިން ގަޑިއިރަށް މާލެ މަގުމަތީ އުޅުން މަނާ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި މާދަމާއިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރުގެ ތިން ގަޑިއިރު މާލެ ސަރަހައްދުގެ މަގުމަތީގައި އުޅުން މަނާ ކުރަން ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާވާނެ ކަމަށެވެ. އަދި ކޮންމެ ދުވަހެއްގެ އެ ވަގުތަށް ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ހުއްޓާލާނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

މީގެ އިތުރުން މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގައި، އެ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައިވެސް އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށްވެސް ވަނީ އަންގާފައެވެ.

އެ ފިޔަވަޅުތަކުން 10 ފަރާތެއް އިސްތިސްނާ ވެއެވެ. އެއީ:

  • ސަލާމަތީ ބާރުތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންްނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • އުރީދޫ، ދިރާގު، ބޭންކުތައް، އެސްޓީއޯ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • ދައުލަތުގެ "ޖީ" ބޯޑު ހަރުކޮށްފައިވާ އުޅަނދުފަހަރު
  • ޑިޕްލޮމެޓިކް އުޅަނދުފަހަރު
  • އެމްބިއުލާންސް
  • ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތައް
  • ފާމަސީތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • އެޗްޕީއޭ އިން ދޫކޮށްފައިވާ ހާއްސަ ސްޓިކާ ޖަހާފައިވާ އުޅަނދުތައް

މިފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހާ އިދާރާތަކަށާއި
ފަރާތްތަކަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އެންމެހާ ފަރާތްތަކަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!