އެސްއޯއީތަކުން، އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ 500 މިލިއަން މި ހަފްތާ ތެރޭ ދޫކުރަނީ
ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) އިން އަމިއްލަ ކުންފުނިތަކުން ކޮށްފައިވާ މަސައްކަތަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ނުދެވި އޮތް 500 މިލިއަނެއްހާ ރުފިޔާ ފިނޭންސް މިނިސްޓްރީން މި ހަފްތާ ތެރޭގައި ދޫކުރަން ފަށާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހުވަދޫ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ގއ ހޯނޑެއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ފެނަކަ، އާރްޑީސީ އަދި އެމްޓީސީސީގެ އިތުރުން ވެމްކޯ އިން ދިވެހި ކޮންޓްރެކްޓަރުން ކޮށްފައިވާ މަަސައްކަތަށް ދޭން ޖެހޭ ފައިސާގެ ބޮޑު އަދަދެއް ނުދެވި އޮތް ކަމަށެވެ.
"މި ހިނގާ ހަފްތާ ތެރޭގައި ސަރުކާރުން ފިނޭންސުން އެކި ފަރާތްތަކަށް 500 މިލިއަން ރުފިޔާ އެބަދޫކުރަން" ރައީސް މުއިއްޒު ވިދާޅުވީ ބާކީ ނުދެވި އޮތް ފައިސާ މި ދެ މަސް ތެރޭގައި، ރޯދަ މަހުގެ ކުރިން ދޫކޮށް ނިންމާލެވޭނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ހުސްވި އަހަރު މަޝްރޫއުތައް ނުހިންގުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފާސްކޮށްފައިވާ ބަޖެޓުގެ ސަބަބުންނެވެ. އެކަމަކު މި ސަރުކާރުން ފާސްކުރި ބަޖެޓާއެކު މި އަހަރު މަޝްރޫއުތައް އަމަލީގޮތުން ފެންނަން ފަށާނެ ކަމަށް ވިދާޅުވި އެވެ.
މޯލްޑިވްސް ފަސްޓު ސިޔާސަތު
އެ ބައްދަލުވުމުގައި ރައީސް ވަނީ އެމަނިކުފާނުގެ ސިޔާސަތަކީ މޯލްޑިވްސް ފަސްޓް ޕޮލިސީކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފަ އެވެ. އެ ސިޔާސަތަކީ ވަކި ގައުމަކަށް ބަރޯސާނުވުން ކަމަށް ވިދާޅުވި އެވެ. މިނިވަންކަމާ އިސްތިގުލާލަށް ބުރޫނާރާނެހެން ރާއްޖެއަށް ފައިދާވާ ކަންކަމުގައި ހުރިހާ ގައުމުތަކާ އެކު ގާތް ގުޅުމެއް ބާއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއީ އެންމެ ފުރަތަމަ ދުވަހު އަޅުގަނޑު އިއުލާންކުރި ސިޔާސަތު ކެމްޕޭނު ތެރޭގައި. މިއަދާ ހަމަޔަށް އައިރުގައިވެސް އެ ސިޔާސަތެއް ބަދަލުނުވޭ، ރާއްޖެއަށް ފައިދާވާ ކަމެއްވާނަމަ ތިޔަ ފަދަ ލޮބުވެތި ރައްޔިތުންނަށް ރަށްރަށަށް ބޭނުންވާ ކަންކަން ވާނަމަ" ރައީސް ވިދާޅުވި އެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީގެ ފަސް ރަށަކަށާއި، ހުވަދުއަތޮޅު އުތުރުބުރީގެ ހަތަރު ރަށަކަށް ރައީސް ވަޑައިގެންނެވުމަށްވަނީ ހަމަޖެހިފަ އެވެ.