ޚަބަރު

ތާރީހުގައި މާލެއަށް އެންމެ ބޯކޮށް ވާރޭ ވެހުނީ މިދިޔަ ހުކުރު ދުވަހު

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
މިދިޔަ ހުކުރު ދުވަހު މާލޭގައި ފެންބޮޑުވެފައި / ފޮޓޯ: މާލެ ސިޓީ ކައުންސިލް

މިދިޔަ ހުކުރު ދުވަހަކީ ތާރީހުގައި 24 ގަޑިއިރުގެ ތެރޭގައި ވެރި ރަށް، މާލެއަށް އެންމެ ބޯކޮށް ވާރޭވެހުނު ކަމަށް ރެކޯޑު ކުރެވިފައިވާ ދުވަސް ކަމުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

Ads by STELCO

ގައުމީ މޫސުމާ ބެހޭ އިދާރާ އާ ހަވާލާދީ އެންޑީއެމްއޭއިން ބުނީ ހުކުރު ވިލޭރޭގެ ދަންވަރު 12:00 އިން ފެށިގެން ހޮނިހިރު ވިލޭރޭގެ 12:00 އާ ހަމައަށް 161.9 މިލިމީޓަރުގެ ވާރޭ މާލެއަށް ވެހިފައިވާ ކަމަށެވެ. އެއީ 24 ގަޑިއިރުގެ ތެރޭގައި މާލެއަށް އެހާ ބޯކޮށް ވާރޭ ވެހުމުގެ ރެކޯޑެއް ކަމަށެވެ.

އެ ދުވަހުގެ ހަވީރު 3:00 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށް 109.8 މިލިމީޓަރުގެ ވާރޭވެހުނު ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އެއީ 3 ގަޑިއިރުގެ ތެރޭގައި މިހާތަނަށް އެންމެ ގިނައިން މާލެއަށް ވާރޭވެހުނު ކަމަށް ރިކޯޑު ކުރެވުނު ދުވަސް ކަމަށް ވެސް މެޓް އޮފީހާ ހަވާލާދީ އެންޑީއެމްއޭއިން ފާހަގަކުރި އެވެ.

ފެންބޮޑުވުމުގެ ހާދިސާއަށް އިޖާބަ ދިނުމުގެ މާލެ ސިޓީ ކައުންސިލަށް 20،000 ވެލި ގޯނި ބަސްތާ ޖެހުމަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އެހީތެރިކަން ބޭނުންވެގެން 740 އަށް ވުރެ ގިނަ ތަންތަނުން ރިޕޯޓުކުރި ކަމަށެވެ. އޭގެ ތެރޭގައި ގޭގެ އާއި އެކިއެކި ވިޔަފާރިތަކާއި ސްކޫލުތަކާ އަދި ގުދަންތައް ހިމެނޭ ކަމަށެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި ހުކުރު ދުވަހުގެ ރޭ ކައްކައި ކައިބޮއި ހެދުމަށާއި ނިދުމަށް އަދި ޒަރޫރީ ބޭނުންތަކަށް ހުރަސްއެޅިގެން ރިޕޯޓުކުރި 53 ގެއެއްގެ ރެޕިޑް އެސެސްމެންޓް ހަދައި އާންމު ދިރިއުޅުމަށް ދަތިވި، 27 ގޭބީސީގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ދެ ދުވަހުގެ މުއްދަތަށް ފޯރުކޮށްދެވުނު ކަމުގަ އެވެ.

މާލޭގައި ފެންބޮޑުވުމާ ގުޅިގެން ހިފާ ގެންގުޅޭ ތަކެއްޗާއި އިމާރާތްތަކަށް އެކިވަރުގެ ގެއްލުން ލިބިގެން ޑެމޭޖް އެސެސްމަންޓް ހަދަން ޖެހޭ ކަމަށް 145 ގޭބީސީއެއް ފާހަގަކުރެވުނު ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. އޭގެ ތެރެއިން 115 ގެއެއްގެ އެސެސްމަންޓް ހަދައި މިހާރު އެއްކޮށް ނިމިފައިވާ ކަމަށާއި 13 ގެއަކުން އެސެސްމަންޓް ހަދަން ބޭނުން ނުވާ ކަމަށް އަންގާފައިވާ ކަމަށެވެ.

ވެރިފަރާތަށް ނުގުޅިގެންނާއި ގެއަށް ނުވަދެވިގެންނާ އަދިވެސް އިތުރު ސަބަބުތަކާ ހެދި އެސެސްމަންޓް ހަދަން ޖެހޭ ތަންތަނަށް ނުވަދެވުމުގެ ސަބަބުން އެސެސްމަންޓް ނެހެދޭ 17 ތަނެއްވާ ކަމަށެވެ.

އެންޑީއެމްއޭއިން ބުނީ ފެންބޮޑުވުމުގެ ހާދިސާގައި މާލޭގެ ގެތަކަށް ލިބުނު ގެއްލުމުގެ ޖުމްލަ 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އެއީ ހަމައެކަނި މީހުން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުންކަން ފާހަގަކުރި އެވެ.

އެ ދުވަހު ހިންގި އޮޕަރޭޝަނަކީ މާލެއަށް ބޯކޮށް ވާރޭވެހިގެން މިހާތަނަށް ހިންގުނު އެންމެ ބޮޑު އޮޕަރޭޝަން އަދި އެންމެ ބޮޑަށް ގެއްލުންވެ، އެންމެ ގިނަ މީހުން ރައްކާތެރި ތަންތަނަށް ބަދަލު ކުރަން ޖެހުނު އޮޕަރޭޝަން ކަމަށެވެ.

ފެންބޮޑުވުމުގެ އޮޕަރޭޝަނަށް 61،500 ރުފިޔާ ހަރަދުވި ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އަދި ރިލީފްގެ ގޮތުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން ބުއިމަށް ދެ ލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށެވެ.

އެންޑީއެމްއޭއިން ނެރުނު ބަޔާނުގައި އިތުރަށް ބުނީ ވިއްސާރާގައި އަތޮޅުތެރޭ ރަށްރަށަށް ގެއްލުންވެފައިވާ ކަމަށެވެ. އެގޮތުން ރ. އިނގުރައިދޫ އަދި ށ. ނަރުދޫއަށް އުދަ އަރައިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ބޯކޮށްވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 8 ރަށަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ރަށްތަކަކީ ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ދ. މީދޫ، ފ. މަގޫދޫ، އދ. މާމިގިލި، ކ. ގުރައިދޫ، ފ. ފީއަލި އަދި ކ. ހިންމަފުށިންނެވެ. އޭގެ ތެރެއިން 4 ރަށެއްގެ 73 ގެއަކަށް އެކިވަރުގެ ގެއްލުންވެގެން އެސެސްމަންޓް ފޯމް ހުށަހަޅާފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެސެސްމަންޓް ފޯމުތައް ހުށަހެޅި ރަށްތައް:

  • އދ. މާމިގިލި - 3 ފޯމު
  • ދ. މީދޫ - 43 ފޯމު
  • ފ. މަގޫދޫ - 5 ފޯމު
  • ފ. ނިލަންދޫ - 22 ފޯމު

އަތޮޅުތެރޭ ރަށްރަށުގެ މީހުން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުން 8 ލައްކަ ރުފިޔާއަށް އަރާ ކަމަށެވެ. އޭގެ ތެރޭގައި ދަނޑު ބިންތަކާއި އެކިއެކި ވިޔަފާރިތަކާއި ގުދަން އަދި އެފަދަ އެހެން ތަންތަން ނުހިމެނޭ ކަމަށެވެ.

ހާދިސާގައި މާލެ އާއި އަތޮޅުތަކުން ގެއްލުން ލިބުނު ގެތަކަށް "ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އެހީދިނުމާއި ބެހޭ ގަވާއިދު" ގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުންދާ ކަމަށް ވެސް އެންޑީއެމްއޭގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

Ads by Ooredoo