Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ވިޔަފާރި

ހުސްވި މަހު މީރާއަށް 2.3 ބިލިއަން، 20 އިންސައްތަ އިތުރު

ހުސްވި މަހު މީރާއަށް 2.3 ބިލިއަން، 20 އިންސައްތަ އިތުރު
ހުސްވި ޑިސެމްބަރު މަހު އެ އޮތޯރިޓީއަށް 2.33 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ކަމަށާއި އެއީ ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ 20.1 އިންސައްތަ އިތުރު އަދަދެއް ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ. މީރާއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ޑިސެމްބަރު މަހު، އެ އޮތޯރިޓީއަށް 2.33 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފަ އެވެ. އެއީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލިބުނު އާމްދަނީއަށް ވުރެ 4.7 އިންސައްތަ އިތުރު އަދަދެކެވެ. އަދި ނިމިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވަރަށް ވުރެ 20.1 އިންސައްތަ އިތުރު އަދަދެކެވެ. މީރާއިން ބުނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލިބުނު އާމްދަނީ އާ އަޅާބަލާއިރު، ހުސްވި މަހު ލިބިފައިވާ އާމްދަނީ މަތިވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ، ގްރީން ޓެކްސް އަދި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށެވެ. އަދި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 5.7 އިންސައްތަ އިތުރަށް ފަތުރުވެރިން ޒިޔާރަތްކުރުމުގެ ސަބަބުން އެ ދާއިރާ އާ ގުޅުންހުރި އާމްދަނީ އިތުރުވުމަކީ ވެސް ޑިސެމްބަރު މަހު އާމްދަނީ އިތުރުވުމުގެ އެއް ސަބަބު ކަމަށެވެ. ޑިސެމްބަރު މަހު ލިބުނު އާމްދަނީ އަންދާޒާކޮށްފައިވާ ވަރަށް ވުރެ އިތުރުވި އަނެއް ސަބަބުތަކަކީ ގްރީން ޓެކުހާއި ވޯކް ޕާމިޓް ފީ އާއި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ބިދޭސީންގެ ކޯޓާ ފީ އަދި ޓޫރިޒަމް ދާއިރާ ނޫން އެހެނިހެން ދާއިރާތަކުގެ ޖީއެސްޓީން ލިބުނު އާމްދަނީ އިތުރުވުން ކަމަށް މީރާއިން ބުންޏެވެ. މިދިޔަ މަހު ލިބިފައިވާ އާމްދަނީގެ 17.5 އިންސައްތައަކީ އެ އޮތޯރިޓީގެ އެންފޯސްމަންޓް ފިޔަވަޅުތަކުގެ ދަށުން ހޯދާފައިވާ އާމްދަނީކަން ވެސް ފާހަގަކުރި އެވެ. ޑިސެމްބަރު މަހު މީރާއަށް ބަލައިގަތް އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ. އެގޮތުން އެ މަހު މީރާއަށް،
  • ޖީއެސްޓީ: 1.33 ބިލިއަން ރުފިޔާ (57.34 އިންސައްތަ)
  • ޓޫރިޒަމް ލޭންޑް ރެންޓް: 378.55 މިލިއަން ރުފިޔާ (16.25 އިންސައްތަ)
  • އާމްދަނީން ނަގާ ޓެކްސް: 116.16 މިލިއަން ރުފިޔާ (5 އިންސައްތަ)
  • ގްރީން ޓެކްސް: 109.46 މިލިއަން ރުފިޔާ (4.7 އިންސައްތަ)
  • އެއާޕޯޓު ޑިވެލޮޕްމަންޓް ފީ: 95.39 މިލިއަން ރުފިޔާ (4.1 އިންސައްތަ)
  • ޑިޕާޗާ ޓެކްސް: 93.93 މިލިއަން ރުފިޔާ (4 އިންސައްތަ)
ނިމުނު މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރޭގައި 112.75 މިލިއަން ޑޮލަރު ހިމެނެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް