ޚަބަރު

ދާންދޫގައި ފެންބޮޑުވެ އެމްއެންޑީއެފްގެ އެހީތެރިކަން ހޯދައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ދާންދޫގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގައި ސިފައިން ހަރަކާތްތެރިވަނީ / ފޮޓޯ:އެމްއެންޑީއެފް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގއ. ދާންދޫއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާ ގުޅިގެން ފެން ހިންދުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

Ads by STELCO

ދާންދޫގައި ފެންބޮޑުވުމާ ގުޅިގެން ކުރެވުނު މަސައްކަތްތަކާ ގުޅޭގޮތުން ރަށު ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް މުހައްމަދު މިއަދު "ދެން" އަށް ވިދާޅުވީ ފެންބޮޑުވީ ގާތްގަނޑަކަށް ރޭ ފަތިހު 5:00 އިން ފެށިގެން ހެނދުނު 7:00 އާ ދެމެދު ބޯކޮށް ވެހުނު ވާރޭގެ ސަބަބުން ކަމަށެވެ.

ފެން ބޮޑުވީ އާންމުކޮށް ވެސް ރަށުގައި ފެންބޮޑުވަމުން އަންނަ ދެ ސަރަހައްދެއްގައި ކަމަށެވެ. ބަނދަރު ސަރަހައްދުގައި ފެންބޮޑުވުމުން ރަށު ސްކޫލުގެ ބައެއް ކްލާސްރޫމްތަކަށާއި އެ ހިސާބުގައި ހުރި ދެ ގެއަކަށް ފެން ވަދެފައިވާ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.

އެ ރަށުގައި ދެން ފެންބޮޑުވީ ދިރާގު އެންޓަނާ ހުންނަ ސަރަހައްދުގަ އެވެ. އެއީ އެންމެ އިހުއްސުރެ ފެންބޮޑުވަމުން އަންނަ ސަރަހައްދެއްކަން ފާހަގަކުރެއްވި އެވެ.

ކައުންސިލުގެ ނައިބު ރައީސް ވިދާޅުވި ގޮތުގައި ފެންބޮޑުވުމާ ގުޅިގެން މިހާތަނަށް ބެލިބެލުމުން ގެއެއްގައި ހުރި ގުދަނަކަށް ފެން ވަދެފައިވާކަން ފާހަގަކުރެވިފައިވާ ކަމުގަ އެވެ. ނަމަވެސް ސްކޫލާއި ގޭގޭގައި ހުރި ތަކެއްޗަށް ގެއްލުންވެފައިވާ ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައިނުވާ ކަމުގަ އެވެ.

ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ފުލުހުންނާ އަދި ކައުންސިލް ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ ދާންދޫގައި ފެންބޮޑުވި ކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 9:00 ހާއިރު ކަމަށެވެ. އެ މައުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ގދ. ތިނަދޫ ފަޔަ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ފެން ހިންދުމަށް ހިންގި އޮޕަރޭޝަނުގައި، މިއަދު މެންދުރު 12:00 ހާއިރު ފެންބޮޑުވެފައިވާ ސަރަހައްދުން ފެން ހިންދައި އާންމު ހާލަތަށް ގެނެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އިތުރަށް ބުނީ ވެލިބަސްތާ ޖެހުމަށް ޓަކައި ދާންދޫ ކައުންސިލަށް 200 ގޯނި ހަވާލުކޮށްފައިވާ ކަމަށެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ އއ. އަތޮޅުން ތ. އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ. ލަފާކޮށްފައި ވަނީ މިރޭ 10:30 އާ ހަމައަށް އެ ސަރަަހައްދަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށެވެ.

މެޓް އޮފީހުން ބުނީ މާދަމާ ހެނދުނު 6:00 ޖެހުމާ ހަމައަށް ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރުމާ އެކު ގުގުރާނެ ކަމަށެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އުތުރުގެ ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން އަތޮޅުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

އެ އޮފީހުން ވަނީ މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.

Ads by Ooredoo