ކުރިއަށް އޮތް 4 އަހަރު ތެރޭގައި މުޅި ރަށް އިއާދަކުރަނިވި ހަކަތައިން ހިންގާ ރަށަކަށް ބަދަލުކުރުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށާއި ރ. ވާދޫގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ވާދޫއަށް ވަޑައިގަންނަވައި ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރަށަށް އެންމެ ބޭނުންވަނީ ޖާގަ އިތުރުކުރުން ކަމަށާއި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުން ކަމަށެވެ.
ރިޔާސީ ވައުދުފުޅާ އެއްގޮތަށް މި އަހަރުގެ ބަޖެޓުން ބިން އިތުރުކުރުމުގެ މަސައްކަތް ކުރަން ދަތިތަކާ ކުރިމަތިވި ނަމަވެސް ބިން އިތުރުކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
"ހަމަ ޔަގީނުން ވެސް އިރާދަކުރެއްވިއްޔާ މި އަހަރު ނުވަތަ މި އަންނަ އަހަރުގެ ތެރޭގައި އަޅުގަނޑުގެ ވައުދު ފުއްދުމަށް ޓަކައި، މި ރަށުގައި ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްދޭނެކަން އަޅުގަނޑު ދަންނަވަން،"
ރައީސް ވިދާޅުވީ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލު ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ މަސައްކަތުގެ އިތުރުން އިއާދަކުރަނިވި ހަކަތައިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ އަމާޒަށް އަލިއަޅުއްވާލެއްވި އެވެ.
"އަޅުގަނޑުމެން ގައުމީ ފެންވަރެއްގައި ކަނޑައަޅާފައި އޮތް އަމާޒު އެއީ 2028 ވަނަ އަހަރު އަންނައިރަށް މުޅި ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދިނުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މަދުވެގެން ތިންބައިކުޅަ އެއްބައި ހިދުމަތްދޭން. ނޫނީ އިއާދަކުރަނިވި ހަކަތައިން ރަންކުރާ ވަރަށް 33 އިންސައްތަ ގާއިމްކުރަން. އެއީ މުޅި ރާއްޖެއަށް،"
ރައީސް ވިދާޅުވީ ވާދޫއަކީ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އިއާދަކުރަނިވި ހަކަތައިން، ސޯލާ ޕަވާއަށް ހާއްސަކޮށްގެން ހިދުމަތްދޭ ރަށަކަށް ހެދުމުގެ ވިސްނުން އޮތް ކަމަށެވެ. ކުރިއަށް އޮތް 4 އަހަރުގެ ތެރޭގައި މުޅި ރަށް އެ މޮޑެލްގެ ރަށަކަށް ހަދާ، އިއާދަކުރަނިވި ހަކަތައަށް ބަރޯސާވެ، ހިދުމަތްދޭ ރަށަކަށް ހެދުމަށް ގަސްތުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެގޮތަށް އެދޭ ނަމަ، ސަރުކާރާއި ރައްޔިތުންނާ ގުޅިގެން ރަށުގެ ގެތަކާއި ހިދުމަތްދޭ މަރުކަޒުތަކާ އަދި ހުރިހާ ތަންތަނަކީ އިއާދަކުރަނިވި ހަކަތައިގެ ބޭނުންކުރާ ތަންތަނަށް ހެދުމުގެ މަސައްކަތްތައް ކުރާނެ ކަމަށެވެ.
އެގޮތުން އެންވަޔަރަންމެންޓް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި ރަށުގެ ކައުންސިލާ އަދި ކަމާ ބެހޭ ފަރާތްތައް ގުޅިގެން އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ވާދޫ އާއެކު މުޅި ރާއްޖެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ މި ރޯދަ މަސް އައުމުގެ ކުރިން ހައްލުކުރާނެ ކަމަށެވެ.