މާލޭގެ ގުދަނެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަދައިފި

މާލޭގެ މަޖީދީމަގުގައި ހުރި ފުރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަނުގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަދައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ގުދަނުގައި އަލިފާން ރޯވި ހާދިސާގެ މައުލޫމާތު ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބުނީ ރޭ ފަތިހު 04:20 ހާއިރު ކަމަށެވެ.
އެ މައުލޫމާތު ލިބުމާ އެކު ފަޔާފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފަ އެވެ.
ފަޔާފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ފަތިހު 5:27 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަލިފާންގަނޑު އެއްކޮށް ނިއްވާލާފައި ވަނީ 6:00 ހާއިރު އެވެ.

ފުރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަނުގައި އަލިފާން ރޯވެފައި / ފޮޓޯ:އެމްއެންޑީއެފް
ފުރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ހާދިސާގައި އިންސާނީ އެހީ ފޯރުކޮށްދޭން ޖެހޭ ގޭބީސީއެއް ހުރިތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމުގަ އެވެ. އެހެންނަމަވެސް އަލިފާން ރޯވި ގުދަން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމުގަ އެވެ.