ހުޅުމާލޭގެ އެޕާޓްމަންޓަކުން ވަގަށް ނެގި 2000އެއްހާ ޑޮލަރުގެ ތަކެތި ހޯދައިފި

ހުޅުމާލޭގެ ފޭސް ދޭއްގެ އެޕާޓްމަންްޓްއަކުން ވަގަށް ނެގި 2000އެއްހާ ޑޮލަރުގެ އަގުހުރި ތަކެތި ހޯދައިފި އެވެ. އެއީ ގާތްގަނޑަކަށް 31،000 އެއްހާ ދިވެހި ރުފިޔާ އެވެ.
ފުލުހުން ބުނީ އިއްޔެ ހެނދުނު ހުށަހެޅި އެ ވައްކަމުގެ މައްސަލައާ ގުޅިގެން ފޭސް 2 ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން، ތުހުމަތުކުރެވޭ މީހާ ހޯދައި ސުވާލުކޮށް އެ ތަކެތި ހޯދި ކަމަށެވެ.
ހޯދި ތަކެތީގެ ތެރޭގައި ސެންޓުފުޅި ތަކަކާއި އަންނައުނާއި ބޫޓު އަދި އަވިއައިނު ހިމެނޭކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެ ތަކެތީގެ އަގަކީ 2000 ޑޮލަރު ކަމަށް ވެރިފަރާތާ ހަވާލާދީ، ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ އެ މައްސަަލައާ ގުޅިގެން އަދި މީހަކު ހައްޔަރުނުކުރާ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
މާލެއާއި ހުޅުމާލޭގައި ވައްކަމުގެ މައްސަލަތައް ވަރަށް ބޮޑެވެ. އަދި ގިނަ ވައްކަންތައް މަސްތުވާތަކެތި ބޭނުންކުރާ މީހުން ކުރަމުންދާކަން ވެސް ފާހަގަކޮށްލެވެ އެވެ.