ޚަބަރު

ހޮނިހިރު ދުވަހު ވެސް ޕާސްޕޯޓު ދޫކުރާ ގޮތަށް ހަމަޖައްސައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އިމިގްރޭޝަންގެ ކައުންޓަރަކުން ޕާސްޕޯޓުގެ ހިދުމަތް މީހަކު ހޯދަނީ/ ފޮޓޯ: އިމިގްރޭޝަން

މާލެ ސަރަހައްދުގައި ހިމެނޭ އެ އިދާރާގެ އޮފީސްތަކުން ކޮންމެ ހޮނިހިރު ދުވަހަކު ޕާސްޕޯޓު ދޫކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފި އެވެ.

Ads by STELCO

އިމިގްރޭޝަނުން ޕާސްޕޯޓު ދޫކުރަމުން އަންނަނީ ހަމައެކަނި ރަސްމީ ދުވަސްތަކުގަ އެވެ.

އެ އިދާރާއިން ދަނީ ވެލާނާގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އޮފީހުގެ އިތުރުން ވިލިމާލެ އީ-ބްލޮކް އަދި ހުޅުމާލެ ފޭސް އެކެއްގައި ހުންނަ އުމަރު ޒާހިރު ބިލްޑިން އަދި ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ޓަވަރު 2 ގެ ފުރަތަމަ ފަންގިފިލާއިން ޕާސްޕޯޓު ދޫކުރަމުންނެވެ. އެ އޮފީސްތަކުގެ އިތުރުން ރ. އުނގޫފާރު، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫއިން ވެސް ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ދަނީ ދެމުންނެވެ.

އިމިގްރޭޝަނުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މާދަމައިން ފެށިގެން ކޮންމެ ހޮނިހިރު ދުވަހަކު މާލެ ސަރަހައްދުގައި ހިމެނޭ އެ އިދާރާގެ ތިން އޮފީހަކުން ޕާސްޕޯޓު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހޮނިހިރު ދުވަހު ހިދުމަތް ދޭނީ މާލެ އާއި ހުޅުމާލޭގެ ދެ ފޭސްގައި ހުންނަ އިމިގްރޭޝަނުގެ އޮފީސްތަކުންނެވެ.

ޕާސްޕޯޓު ދޫކުރަން ނަމްބަރު ދޫކުރުމަށް ހަމަޖެހިފައި ވަނީ ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:00 އަށް ކަމަށް އެ އިދާރާއިން ބުންޏެވެ.

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވި ގޮތުގައި ހޮނިހިރު ދުވަހު ހިދުމަތް ދިނުމުގެ މަގުސަދަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާ އެއްގޮތަށް ހިދުމަތްދޭ ވަގުތު އިތުރުކުރުން ކަމުގަ އެވެ. އަދި ރައްޔިތުންނާ ގާތުން އަވަސް އަދި ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުން ކަމުގަ އެވެ.

މެޑިކަލް އެމަޖެންސީގައި ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ކުރިއެކޭ އެއްގޮތަށް ހަފުތާގެ ހަތް ދުވަހު ހިދުމަތް ލިބޭނެ ކަމަށް ވެސް ޝަމްއާން ވިދާޅުވި އެވެ.

Ads by Ooredoo