ފެނަކައިގެ އިސްވެރިންގެ ފަރުވާކުޑަމުން އައްޑޫ ކަރަންޓުގެ މައްސަލަ ހައްލުނުވާތީ ކޮމިޓީއަށް ހާޒިރުކުރަނީ
ފެނަކައިން އައްޑޫގައި ހިންގާ އިންޖީނުގެއަށް ބޭނުންވާ ސްޕެއާތައް ލިބުން ލަސްވާ ސަބަބު އަދި ކަރަންޓުގެ މައްސަލަ ހައްލުނުކުރެވޭ ސަބަބު ސާފުކުރުމަށް، ފެނަކަ ކޯޕަރޭޝަނުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓްޕްރައިސަސް ކޮމިޓީ (އެސްއޯއީ) އަށް ހާޒިރުކުރަން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް މިއަދު އެދިވަޑައިގެންފި އެވެ.
އެކަމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އަޒާން ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އައްޑޫ ކަރަންޓުގެ މައްސަލަ އަށް ހައްލުނުލިބި ދިގުލައިގެން ދިޔުމުގައި ފެނަކައިގެ އިސްވެރިންގެ އިހުމާލާއި ފަރުވާކުޑަކަން އޮތްކަމުގައި ދެކޭ ކަމަށެވެ.
އައްޑޫ ފެނަކައިގެ ސީނިއާ މުވައްޒަފުންގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގައި އަޒާން ވިދާޅުވީ އިންޖީނުގެއަށް ބޭނުންވާ ބައެއް ސްޕެއާތަކަށް ހެޑް އޮފީހުގައި ރިކުއެސްޓް ކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ނުލިބޭ ސްޕޭއާތައް އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިންޖީނުގޭގައި މި ވަގުތު ހުރި 17 އިންޖީނުގެ ތެރެއިން މަސައްކަތްކުރަނީ 13 އިންޖީނެވެ.
"4 އިންޖީނަކަށް މައްސަލަ ދިމާވެފައިވާއިރު، އޭގެ ތެރެއިން އެންމެ އިންޖީނެއް ފިޔަވައި ދެން ހުރި 3 އިންޖީނު ހުރީ މަރާމާތު ނުކުރެވޭ ހާލަތުގައެވެ" - އަހުމަދު އަޒާން
އައްޑޫގެ ކަރަންޓުގެ މައްސަލަ އަށް ހައްލެއް ނުލިބި ދިގުލައިގެންދާތީވެ އަޒާން ހިމެނިވަޑައިގަންނަވާ ގޮތަށް އެ ސިޓީގެ މެންބަރުން ފެނަކައިގެ އިސްވެރިންނާ އެކު ދެ ފަހަރެއްގެ މަތިން ބައްދަލުކޮށް ސްޕެއާތައް ލިބޭނެ ގޮތް ހަމަޖައްސައިދޭން އެދިވަޑައިގެންނެވި އެވެ. އެކަމަކު އޭގެ ފަހުން 26 ދުވަސް ފަަހަނައަޅައި ދިޔައިރުވެސް އެކަން ހައްލުވެފައިނުވާކަން އަޒާން ފާހަގަކުރެއްވި އެވެ.
އައްޑޫ އިންޖީނުގެ މިހާރުގެ ކެޕޭސިޓީ އިތުރު 4 މެގަވޯޓް އިތުރުނުކުރެވޭނަމަ ކުރިއަށް އޮތް ރޯދަ މަހު ތެރޭގައިވެސް ކަރަންޓު ކެނޑޭ މައްސަލަ ހައްލުނުކުރެވޭ ކަމަށް އައްޑޫ ފެނަކައިގެ ސީނިއާ މުވައްޒަފުން މައުލޫމާތު ދީފައިވާ ކަމަށް އަޒާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ކަރަންޓު މައްސަލަ ހައްލުކުރަން ފެނަކައިން އެއްވެސް ވަރަކަށް މަސައްކަތެއް ނުކުރާ ކަމަށެވެ.
"ފެނަކަ ކޯޕަރޭޝަންގެ ވެރިންގެ ފަރާތުން ފެންނަމުންދާ ފަރުވާކުޑަކަމާއި އިހުމާލުވުންތަކަށް ބަލާއިރު، ކަރަންޓުގެ މައްސަލަ ހައްލު ހޯދުމާއި ދިމާލަށް ފެނަކައިން މަސައްކަތްކުރާ ތަނެއް ނުފެނެ އެވެ" އެހެންވެ ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު، ކުރީގެ ޕްރޮކިއުމަންޓް ހެޑް އަބްދުލް ވާހިދު، ޕްރޮކިއުމަންޓް ހެޑް މަރިޔަމް ޝަހުލާ، ޗީް ފައިނޭންޝިއަލް އޮފިސަރު އަބްދުﷲ ވަހީދު އަދި ކުރީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު މުހައްމަދު މަސްއޫދުގެ އިތުރުން ޗީފް ޓެކްނިކަން އޮފިސަރު އަބްދުﷲ ނާޝީދު އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދޭން އަޒާންގެ ސިޓީގައި އެދިވަޑައިގެންނެވި އެވެ.