އިހަވަންދޫގައި 100 ހައުސިން އެޅުމުގެ ނިންމުން ބަދަލުކޮށް 200 އެޅުމަށް ވައުދުވެއްޖެ
ހއ. އިހަވަންދޫގައި 100 ހައުސިން ޔުނިޓް އަޅާ ގޮތަށް ހަމަޖައްސައި އެކަން އިއުލާންކުރި ނަމަވެސް 200 ހައުސިން ޔުނިޓް އަޅާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 57 ރަށެއްގައި ޕަބްލިކް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ބޯހިޔާވެހިޔާވަހިކުމުގެ މަޝްރޫއުތައް ހިންގަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލީ މިއަދު އެވެ. ފިނޭންސްގެ އިއުލާންގައިވާ ގޮތުން އިހަވަންދޫގައި އަޅަން ނިންމާފައި އޮތީ 100 ހައުސިން ޔުނިޓް އެވެ.
އެހެން ނަމަވެސް މިއީ އިހަވަންދޫއާ އަޅާ ބަލާއިރު ކުޑަ އަދަދެއް ކަމަށް އެ ރަށުގެ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ބައެއް މީހުން ފޭސްބުކްގައި ޝަކުވާ ކުރަމުން ދިޔައީ ހޯރަފުށީގައި 200 ހައުސިން ޔުނިޓް އަޅަން ނިންމާފައި އިިހަވަންދޫގައި 100 ހައުސިން ޔުނިޓް އޮތުމުންނެވެ.
ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށް ރައީސް މިއަދު އިހަވަންދޫއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިހަވަންދޫގައި އަޅަން ނިންމައި ހައުސިން ޔުނިޓްތަކުގެ އަދަދަށް ބަދަލު ގެންނަން ނިންމިކަން ހާމަ ކުރައްވައިފަ އެވެ.
"މިހާރު މި އިއުލާންކުރީ 100 ހައުސިން ޔުނިޓް ކަމަށް އޭގައި އޮންނާނެ. އެހެން ނަމަވެސް އޭގައި އަޅުގަނޑު އޮންނާނީ ނިންމާފައި 200 ހައުސިން ޔުނިޓް އަޅުގަނޑުމެން އެވޯޑް ކުރާއިރު ނުވަތަ އޭގެ ބިޑިން ޕްރޮސެސްގެ ތެރެއިން ކަނޑައަޅާނީ. މިވަގުތަށް 200 ހައުސިން ޔުނިޓް އެޅުމަށް ޓަކައި އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ހަވާލުކުރާނަން," ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން މި އަހަރުގެ ބަޖެޓުގައި 1.5 ބިލިއަން ރުފިޔާ ހިމެނި ކަމަށެވެ. އަދި މިއީ ރާއްޖޭގެ ތާރީހުގައި ރެކޯޑެއްކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
އެހާ ބޮޑު އަދަދެއް ބަޖެޓުގައި ޖެހީ ރާއްޖޭގައި ހުރިހާ ރަށަކަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުވެރިކަމުގެ މައްސަލައަށް ވާތީ ކަމަށް ރައީސް ވިދާޅުވި އެވެ.