Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިހަވަންދޫގައި އަޅާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އިހަވަންދޫގައި އަޅާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި
ހއ. އިހަވަންދޫގައި އަޅާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި އެވެ. އެ ތަނުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އިހަވަންދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އެ ކޮމްޕްލެކްސްގެ ބިންގާ އަޅުއްވައިދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ އެ ކޮމްޕްލެކްސްގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 50 ޓަނުގެ ބްރައިން ފްރީޒިން ފެސިލިޓީއެއް ގާއިމުކުރާނެ ކަމަށެވެ. އަދި އޭގެ އިތުރުން އޮފީސް އިމާރާތަކާއި އިންޖީނުގެއަކާއ ވެހިކަލް ވޯކްޝޮޕަކާއި ގުދަނެއްވެސް މި ކޮމްޕްލެކްސްގައި ހިމެނޭ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ. ކޮމްޕްލެކްސްއާއެކު 130 މީޓަރުގެ ދިގު މަގަތު ފާލަމަކާއި 3.5 މީޓަރުގެ ފުންމިނުގައި ބަނދަރަކާއި ތިން ޕޮއިންޓުން މަސްކިރޭ ޖެޓީއެއްވެސް އެ މަޝްރޫޢުގެ ދަށުން ތަރައްގީކުރަން ވަނީ ނިންމައިފަ އެވެ. އިހަވަންދޫގައި ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް މިއަދު ވިދާޅުވީ އެ ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށޭނީ އިދާރީ އަދި ފަންނީ މަސައްކަތް ކުރިއަށް ގެންގޮސް އަންނަ މޭ މަހު ކަމަށާއި އަދި މުޅި މަޝްރޫއު ނިންމާލަން 18 މަސްދުވަސް ނަގާނެ ކަމަށެވެ. އެ ކޮމްޕްލެކްސްއާ ބަނދަރުގެ މަސައްކަތަށް ޖުމްލަ 478 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ

އެ މަޝްރޫއަކީ ދިވެހި ސަރުކާރާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އިހަވަންދޫ ހިމެނޭހެން އުތުރަކީ މަސްވެރި ހިސާބަކަށްވާ އިރު އެ މަޝްރޫޢުގެ ސަބަބުން ބޮޑުތިލަދުންމަތީގެ މަސްވެރިންނަށް ތެޔޮ އަދި އައިސް ހޯދުމަށް ދުރަށް ދަތުރުކުރަންޖެހޭ ދަތުރުތައް ނިމުމަކަށް އައިސް، ހަރަދުތައް ވެސް ކުޑަވެގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.

އޭގެ އިތުރުން އިހަވަންދޫގައި 150 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެކަމަށް ވެސް މިނިސްޓްރީން  ވަނީ ލަފާކޮށްފަ އެވެ. އެހެންކަމުން މިއީ އުތުރުގެ މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ މުހިންމު މަޝްރޫއެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް