ޚަބަރު

ހައުސިން ޔުނިޓަށް ކުރިމަތިލާން ތިނަދޫ ކައުންސިލުން ކުރި އިއުލާން ބާތިލުކުރަން އަންގައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ގދ. ތިނަދޫ/ މި ރަށު ހައުސިން ޔުނިޓަށް ކުރިމަތިލާން ހުޅުވާލި އިއުލާން ބާތިލުރަން ވަނީ އަންގާފައި

އާބާދީގައި ގާތްގަނޑަކަށް 6000 މީހުން ދިރިއުޅޭ ގދ. ތިނަދޫ ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލު ހޯދުމަށް އިމާރާތް ކުރަމުންދާ 200 ހައުސިން ޔުނިޓަށް ކުރިމަތިލާން ހުޅުވި އިއުލާން ބާތިލުކުރަން ކޮންސްޓްރަކްޝަން މިނިސްޓްރީން އެ ސިޓީގެ ކައުންސިލަށް އަންގައިފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީއަށް އެޑްރެސްކޮށް ހުސްވި ހަފްތާގެ އާދިއްތަ ދުވަހު ފޮނުވި ސިޓީއެއްގެ ކޮޕީއެއް "ދެން އޮންލައިން" އަށް ވަނީ ލިބިފަ އެވެ.

އެ ސިޓީގައި މިނިސްޓްރީން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރާތްކުރެވޭ ހައުސިން ޔުނިޓްތައް ހަވާލުކުރެވެމުން ދަނީ މިނިސްޓްރީން އެންޑޯސްކޮށް ހުއްދަދޭ އުސޫލާ އެއްގޮތަށް ކަމަށެވެ.

ތިނަދޫގައި އިމާރާތްކުރާ 200 ހައުސިން ޔުނިޓަކީވެސް އެ މިނިސްޓްރީގެ ބެލުމުގެ ދަށުން އިމާރާތް ކުރަމުންދާ ޔުނިޓްތަކެއް ކަމަށްވެފައި އެ ޔުނިޓް ދޫކުރުން އަދި އިއުލާންކުރުމުގެ ކުރިން ޔުނިޓް ދެވޭނެ އުސޫލު ފައިނަލް ކުރުމާއި އެޕްލިކޭޝަން މަރުހަލާ ކުރިއަށް ގެންދަވާނީ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް ސިޓީގައި ބުންޏެވެ.

ނަމަވެސް 200 ހައުސިން ޔުނިޓަށް ކުރިމަތިލާން ޖެނުއަރީ 29، 2025 ގައި ކައުންސިލުން ހުޅުވާލީ މިނިސްޓްރީގެ ހުއްދަ ނެތި ކަމަށް ބުންޏެވެ.

"ވީމާ، ތިޔަ ކައުންސިލުގެ (ތިނަދޫ ސިޓީ) ގެ އިއުލާން ބާތިލުކުރަން އަންގަމެވެ" އަދި ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތައް ހޯދަން އިއުލާންކުރުމަށް ބޭނުންވާ އުސޫލު އެންޑޯސްކުރުމަށް ފޮނުވައި ދިނުމަށް އެދެމުން މިނިސްޓްރީން ބުނީ ހައުސިން ޔުނިޓްތައް ހަވާލުކުުރުމުގެ މަސައްކަތް ކުރިއަށް ގެންދަންވާނީ އެ މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ބަހެއް ހޯދާލަން ގުޅާލުމުން ތިނަދޫ ކައުންސިލުގެ އެއްވެސް މެންބަރަކު ފޯނަށް ޖަވާބުނުދޭތީވެ އާއި މެސެޖަށް ރިޕްލައިނުކުރާތީ އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!