ޚަބަރު

ޑަބްލިއުއެޗްއޯގެ ބޯޑު ބައްދަލުވުމަކަށް ނާޒިމް ސްވިޒަލޭންޑަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ހެލްތު މިނިސްޓަރު ނާޒިމް / ފޮޓޯ:ހުޅުމާލެ ހޮސްޕިޓަލް

ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ) ގެ 156 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރުމަށް އެގްޒެކެޓިވް ބޯޑުގެ މެމްބަރެއްގެ ގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް، ސްވިޒަލޭންޑުގެ ޖެނީވާއަށް މިއަދު ފުރާވަޑައިގެންފި އެވެ.

Ads by Hajj Corporation

ހެލްތް މިނިސްޓްރީން ބުނީ އެ ބައްދަލުވުމަކީ 34 ގައުމަކުން، ސިއްހީ ދާއިރާގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ބައިނަލްއަގްވާމީ މުހިއްމު ނިންމުންތަކެއް ނިންމާ ޑަބްލިއުއެޗްއޯގެ އެންމެ މަތީ ފަންތީގެ ބައްދަލުވުމެއް ކަމަށެވެ.

މާދަމާ އިން މި މަހުގެ 11 އަށް އެ ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ޑަބްލިއުއެޗްއޯގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރު ގައުމުތަކާއި އެހެން މެމްބަރު ގައުމުތައްވެސް ހިމެނޭ ގޮތަށެވެ.

2022 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 3 އަހަރުގެ މުއްދަތަށް ޑަބްލިއުއެޗްއޯގެ އެގްޒެކްޓިވް ބޯޑުގައި، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރާ ގައުމެއްގެ ގޮތުގައި ރާއްޖެ ބައިވެރިވަމުން ގެންދާނެ އެވެ. އަދި މިފަހަރުގެ ބައްދަލުވުމުގައި ރާއްޖެ ވަނީ ވައިސް ޗެއާކަން ކުރުމަށް ހަމަޖެހިފަ އެވެ.

މިނިސްޓްރިން ބުނީ އެ ބައްދަލުވުމުގައި، 2024 ގައި ޑަބްލިއުއެޗްއޯއިން 6 ސަރަޙައްދުގައި ކުރިއަށް ގެންދެވުނު ރީޖަނަލް ކޮމިޓީ ބައްދަލުވުންތަކުގައި ނިންމި ނިންމުންތަކާއި، ޕްރޮގްރާމް، ބަޖެޓް އެންޑް އެޑްމިނިސްޓްރޭޓިވް ކޮމިޓީ ބައްދަލުވުމުގެ ރިޕޯޓުތަކާގުޅޭ މަޝްވަރާތަކާއި މި އަހަރުގެ 78 ވަނަ ވާލްޑް ހެލްތު އެސެމްބްލީގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ އެޖެންޑާތަކަށް އެގްޒެކަޓިވް މެމްބަރު ގައުމުތަކުން މަޝްވަރާކޮށް ނިންމުންތައް ނިންމާނެ ކަމަށެވެ.

އޭގެ ތެރޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ގައުމުތަކުން ތައްޔާރުވެ އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމާއި ދެމެހެއްޓެނި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ޔުނިވާސަލް ހެލްތު ކަވަރޭޖް، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކަނޑައަޅާފައިވާ މުހިންމުކަންކަން ކުރިއަށް ގެންދިއުމުގެ މުހިއްމު ނިންމުންތަކަށް މަޝްވަރާކޮށް ނިންމުންތައް ނިންމޭނެ އެވެ.

ޑަބްލިއުއެޗްއޯއިން ގައުމުތަކަށް ފޯރުކޮށްދޭ އެހީތައް އެންމެ ފައިދާހުރި ގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭ ގޮތުންވެސް ބައްދަލުވުމުގައި މަޝްވަރާކޮށް އެކަމާގުޅޭ ކަންތައްތައް ހުށަހެޅޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މި ފަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ދޭދޭ ގައުމުތަކާއެކު ބައްދަލުވުންތައް ބޭއްވުމަށް ރޭވިފައިވެ އެވެ.

އެ ބައްދަލުވުންތަކުގައި ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ސިއްހީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.