ޚަބަރު

މަނަދޫ ބަނދަރު ހަދަން ގެންދިޔަ ބޮޑު ހިލަ ބޭރުކުރާތީ ކައުންސިލުގެ ކަންބޮޑުވުން

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ބަނދަރުގެ މަސައްކަތް ކުރަން ގެންދިޔަ ހިލަތައް ބަލާ ގޮސް އޮތް އެމްޓީސީސީގެ ބާޖު / ފޮޓޯ:ސޮބީހް

ނ. މަނަދޫގެ ބަނދަރުގެ މަސައްކަތް ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން އެ ރަށަށް ގެންދިޔަ ބޮޑު ހިލަތައް ރަށުން ބޭރުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން ދާތީވެ މަނަދޫ ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

Ads by STELCO

ނ. އަތޮޅުގެ ވެރިކަން ކުރާ މަނަދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެމްޓީސީސީ އާ ހަވާލުކުރީ އޭޕްރިލް 6، 2021 ގަ އެވެ. ޖުމްލަ 29.15 މިލިއަން ރުފިޔާގެ މަޝްރޫއުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މަޝްރޫއުގެ އަމަލީ މަސައްކަތް އޮކްޓޫބަރު 21، 2021 ގައި ފަށާފައިވާއިރު، މިހާތަނަށް އައިއިރު ބަނދަރުގެ 93 އިންސައްތަ މަސައްކަތް ވަނީ ނިމިފަ އެވެ.

މަނަދޫ ކައުންސިލުގެ ރައީސް އަބްދުއްރަހްމާން ސޮބީހު "ދެން" އަށް މިއަދު ވިދާޅުވީ ބަނދަރުގެ ނުނިމި ހުރި މަސައްކަތްކުރަން އެ ރަށަށް ގެންގޮސްފައިވާ ހިލަތައް ބަލައި އެމްޓީސީސީގެ ބާޖެއް ރަށު ބޭރުގައި ބަނދަރުކޮށްފައިވާ ކަމަށެވެ.

އެ ހިލަތައް ގެންދާތީވެ ކައުންސިލުގެ ހުރި ކަންބޮޑުވުން އެމްޓީސީސީގައި ހިއްސާކުރުމުން އެ ކުންފުނިން ބުނީ އެ ރަށަށް ފަހުން ބޮޑު ހިލަ ގެނެސްދޭނެ ކަމަށެވެ. އެކަން ސިޓީއަކުން ކައުންސިލަށް އަންގާފައިވާ ކަމަށް ސޮބީހު ވިދާޅުވި އެވެ.

"އެ މީހުން ބުނަނީ މި ހިލަ މާ ކުދި ކަމަށް. މި ހިލައަކުން ނުވާނޭ [ބަނދަރުގެ ބާކީ ހުރި މަސައްކަތަށް] ފައިކަށި ހަދައިދޭނަމޭ، މި ހިލަތައް ބޭނުންކޮށްގެން ނުވާނޭ. އަލުން ބޮޑު ހިލަ ގެނެސްގެން ކުރާނަމޭ. އެއީ އެންމެފަހުން އައި ބަހަކީ،"

ހިލަ ގެންދިޔުމާ ދެކޮޅު ހަދައި ކައުންސިލުން ބުނީ މިހާރު ހުރި ހިލަތައް ގެންދަންވާނީ އާ ހިލާތަކެއް ގެނައުމަށް ފަހު ކަމަށެވެ. ސޮބީހު ވިދާޅުވީ އެކަން ނުކޮށް، މަރާމާތުގެ މަސައްކަތް ކުރިއަށް ނުގެންދެވި ހުއްޓޭ ފަދަ ގޮތަކަށް ކަންކަން މެދުވެރިވާން ބޭނުން ނުވާ ކަމަށެވެ.

ބަނދަރުގެ މަސައްކަތް ކުރަން ގެންދިޔަ ހިލަތައް ބަލާ ގޮސް އޮތް އެމްޓީސީސީގެ ބާޖު / ފޮޓޯ:ސޮބީހް

 

"ކައުންސިލުގެ ސްޓޭންޑަކީ އެއީ، ކަން ކުރެވޭނީ ބާޓާ ސިސްޓަމުންނޭ،" ރަށުގެ ބޭރުގައި ބަނދަރުކޮށްފައިވާ ބާޖު ފަޅަށް ވަންނާނެ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މެންދުރުފަހުގެ ވަގުތެއްގައިކަން ފާހަގަކުރައްވާ ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

އެމްޓީސީސީން ނިންމާ ގޮތަކަށް ތަނުގައި ތިބޭ ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރާނެ ކަމަށް ގަބޫލުކުރާ ކަމުގަ އެވެ. ނަމަވެސް މަނަދޫ ކައުންސިލުން މިހާތަނަށް ވެސް އެ ކުންފުންޏާ ކުރެވުނު މުއާމަލާތްތަކުގައި މަރާމާތުގެ މަސައްކަތް ފުރިހަމަ ނުކޮށް ރަށުގައި ހުރި ހިލަތައް އެ ގޮތަށް ނުގެންދެވޭނެކަން ފާހަގަކުރަމުން އައިސްފައިވާނެ ކަމުގައި ސޮބީހު ފާހަގަކުރެއްވި އެވެ.

އެގޮތުގެ މަތިން ބާޖު ފަޅަށް ވަންނަ ގަޑި ކައިރި ވުމުން މަސައްކަތް ހިނގަމުންދާ ސައިޓަށް ގޮސް ބާޖަށް ހިލަ ނޭރުވޭނެ ކަމަށް އަންގާނެ ކަމަށް ވެސް މަނަދޫ ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

ޒަމާނީ ފެންވަރަށް މަނަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރުގައި މިހާރު ކަނޑާފައިވާ ނެރު ބައްދައި، ބަނދަރުގެ ހުޅަނގު ފަރާތަށް ނެރު ބަދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 29،000 ކިއުބިކް މީޓަރު ސަރަހައްދެއް ފުންކުރުމާއި 195 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 188 މީޓަރު ސަރަހައްދުގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ.

އޭގެ އިތުރުން ކޮންކްރީޓް ބްރިޖެއް އެޅުމާއި ބާޖާއި ކޮޅުވެއްޓި ކައިރި ކުރުމަށް ރޭމްޕް ހެދުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މަޝްރޫއުގެ ތެރެއިން ކުރުމަށް ނިންމާފައިވެ އެވެ.

އެމްޓީސީސީން މިހާރު އެ ރަށުގައި ކުރަމުން އަންނަނީ ނާމަގު ޖެޓީގެ މަސައްކަތެވެ. އެއީ މަނަދޫގައި ކުރިއަށް ގެންދަން ކުންފުންޏާ ހަވާލުކޮށްފައިވާ ވަކި މަޝްރޫއެކެވެ.