ފައިސަލްގެ ދިރިއުޅުން ފޮނަދުއަށް، ވިދާޅުވީ ސިޔާސީ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް
"ބިނާކުރެނިވި ކޮންމެ ފާޑު ކިޔުމެއް ބަލައިގަންނާނީ ލިބޭ ކުރިއެރުމެއްގެ ގޮތުގައި." މިއީ މީގެ 8 މަސް ކުރިން "ދެން"ގެ ޕްރޮގްރާމަކަށް ވަޑައިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވި މިހެނެވެ. އެބަހުގައި ފައިސަލް ހިފެހެއްޓި އެވެ. އޭގެ ނަތީޖާ ވެސް ފެނުނެވެ. އެތައް ބައެއް ފާޑުކިޔުމާ މަލާމާތް ކުރިމަތިވި ފައިސަލްއާ މެދު ގިނަ ބަޔަކު މިއަދު ފަހުރުވެރިވެ އެވެ. ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރި ދުވަހު ފައިސަލްގެ ދިފާއުގައި އެތައް ބަޔަކު ނިކުތުމުން އެކަން ހާމަވި އެވެ.
މި ވަގުތު މިޑީއާ ދުރުގައި ހުރި ފައިސަން ވަނީ "ދެން" އަށް މިއަދު އޭނާގެ ކުރިމަގާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.
"މިވަގުތު ވިސްނުން މިހުރީ ރަށަށް [ލ. ފޮނަދުއަށް[ ދިރިއުޅުން ބަދަލުކުރުން. މިހާރު 5 މަހުގެ ބޭބީއެއް ވެސް އޮތް، ދިރިއުޅުމުގެ ކުރަން ޖެހޭ މަސައްކަތް ބޮޑުވާނެތާ، ދެން މާލޭގައި ދިިރިއުޅުމުގެ ހަރަދު ވެސް ބޮޑު ވާނެތާ" މިނިސްޓަރު ކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ވެސް ފޮނަދޫގައި ދިރިއުޅެމުން އައި ފައިސަލް ވިދާޅުވި އެވެ.
ސިޔާސީ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، ރަށަށް ދިރިއުޅުން ބަދަލުކުރިޔަސް ސިޔާސީ ކަންކަމުގައި މެދުނުކެނޑި އުޅޭނެ ކަމަށެވެ. ނަމަވެސް މިވަގުތު ހުރީ އެއްވެސް ސިޔާސީ ޕާޓީއެއްގައި ނޫން ކަމަށް ވިދާޅުވި އެވެ.
"ކުރިން ހުރީ ޕީޕީއެމް ސެނެޓުގައި. ޕީޕީއެމް އުވާލީމަ މިހާރު ހުރީ އެއްވެސް ޕާޓީއަކު ނޫން" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވަނީ މިނިސްޓަރު ކަމުން ވަކިކުރުމާއެކު ދެއްވި ފުރުސަތަށް ޝުކުރު އަދާކޮށް ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ފައިސަލް ވަނީ އޭނާގެ ތަަސައްވުރު ހާމަކޮށް، ޓޫރިޒަމް ދާއިރާއަށް އިތުރު ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.
ފައިސަލް ވަކިކުރުމާ ގުޅިގެން ސަރުކާރާ އޭނާގެ ބައްޕަ އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމާ ދެމެދު ނުތަނަވަސްކަން އުފެދި، އަބްދުއްރަހީމް ސަރުކާރާ ދެކޮޅަށް މަަސައްކަތް ކުރައްވާ ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ. އެކަމަކު ފައިސަލް ވިދާޅުވީ، އަބްދުއްރަހީމް ހުންނެވީ ސަރުކާރާއެކުގައި ކަމަށެވެ.
"ބައްޕަ ސަރުކާރާއެކުގައި ހުރީ. މިއީ ދިވެހި ރައްޔިތުން ވަރަށް ބުރަ މަސައްކަތުން، ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެގެން ގެނައި ސަރުކާާރެއް، ރައްޔިތުން މާޔޫސްވާނެ ވާނެ ކަމެއް އަޅުގަނޑުމެން ނުކުރާނެ. ސަރުކާރުގެ ފުރަތަމަކޮޅު ސަރުކާރަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރާނަން އަޅުގަނޑަށް. ބައްޕައަށް ސީދާ ޖަވާބެއް ދެވޭނީ، އެކަމަކު އަޅުގަނޑާ ދެކެވުނު ވާހަކަ މިއީ" ފައިސަލް ވިދާޅުވި އެވެ.
ސިޔާސީ މީހުންނަށް ސިޔާސީ ކަންކަން ކުރިމަތިވާނެ ކަމަށާއި ރަނގަޅު ގޮތަކީ އެކަމާ ކުރިމަތިލާ ކެތްތެރިވުން ކަމަށް އަބްދުއްރަހީމް ނަސޭހަތް ދެއްވި ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި އެބަހުގައި ހިފަހައްޓާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
"ވިދާޅުވީ ސިޔާސީ މީހުންނަށް ކަމަށް ސިޔާސީ ކަންކަން ދިމާވާނީ. އެކަމުގައި އޮންނާނީ ކެތް ކުރުން ކަމަށް."
ފައިސަލް ވިދާޅުވީ، މަގާމުން ވަކިކުރި ފަހުން ރައީސް ޑރ މުހައްމަދު މުއިއްޒު މުއާމަލާތެއް ހިނގާފައިނުވާ ކަމަށެވެ. ސިޔާސީ ކަންކަމުގައި ދެމިހުންނަވަން ނިންމި ނަމަވެސް، ސިޔާސީ ގޮތުން ދެން ފެނިގެންދާނެ ގޮތަކާމެދު އަދި ނިންމެވުމެއް ނުނިންމާ ކަމަށް ވިދާޅުވި އެވެ.