Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

ރައީސްގެ އެސްޓޯނިއާ ދަތުރަށް ހަރަދުވީ 1.3 މިލިއަން

ރައީސްގެ އެސްޓޯނިއާ ދަތުރަށް ހަރަދުވީ 1.3 މިލިއަން

ހުސްވި ޖެނުއަރީ މަހު އެސްޓޯނިއާގެ ރައީސް ޑރ އަލާރް ކަރިސްގެ ދައުވަތަކަށް ރައީސް ޑރ މުހައްމަދު މުއިއްޒު ބޮޑުވަފުދަކާއެކު އެ ގައުމަށް ކުރެއްވި ދަތުރުފުޅަށް ސަރުކާރުން 1.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ހާމަކޮށްފި އެވެ.

ރައީސް އޮފީހުން މިއަދު އާއްމުކުރި މައުލޫމާތު ކަރުދާހުގައިވާ ގޮތުން އެސްޓޯނިއާ ދަތުރުފުޅަށް ހަރަދުވީ 1،371،069.18ރ އެވެ.

އެ ހަރަދުތަކުގެ ތަފްސީލެއް އެ ކަރުދާހުގައި ހިމަނާފައިނުވެ އެވެ. އަދި ދަތުރުގައި ބައިވެރިވެވަޑައިގެންނެވި އެހެން ބޭފުޅުންގެ މައުލޫމާތުވެސް ރައީސް އޮފީހުން ހިއްސާއެއް ނުކުރެ އެވެ.

Advertisement
Ooredoo — Square (box)

ޖެނުއަރީ މަހުގެ 13 އިން 17 އަށް ރައީސް މުއިއްޒު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތަކެއް ބޭއްވި އެވެ.

ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުން އެ ބައްދަލުކުރެއްވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައި ވަނީ ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތައް ދެނެގަތުމުގެ މައްޗަށް ކަމަށެވެ.

https://twitter.com/AlarKaris/status/1879144057940979780

އެސްޓޯނިއާގެ ސަރުކާރާއި އެގައުމުގެ މުއައްސަސާތަކުން ވަނީ ރާއްޖެއަށް އެއްބާރުލުން ދީ، ރާއްޖެއާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެސްޓޯނިއާގެ މުހިންމު އަދި ސަގާފީ ގިނަ ތަންތަނަށް ރައީސް ޒިޔާރަތްކުރެއްވި އެވެ. އޭގެ ތެރޭގައި އީ-އެސްޓޯނިއާ ބްރީފިންގް ސެންޓާ، ޕޯކޯ ޕޮޕް އެންޑު ކޮންޓެމްޕޮރަރީ އާޓް މިއުޒިއަމް، ޓާރްޓޫ ޓައުން ހޯލް، ޔުނިވަސިޓީ އޮފް ޓާރްޓޫ، އެސްޓޯނިއާ ބަޔޯބޭންކް، އެސްޓޯނިއަން ނޭޝަނަލް މިއުޒިއަމް (އީއާރުއެމް) އަދި ގްރީނަޖީ ޑޭޓާ ސެންޓާސް (ޖީޑީސީ) އަށް ކުރެއްވި ޒިޔާރަތް ހިމެނެ އެވެ.

https://twitter.com/MMuizzu/status/1879052628216144193

އެ ދަތުރުފުޅުގައި، 3 ފަހުމުނާމާއެއްގައި ސޮއިކުރައްވާފައިވެ އެވެ.

އޭގެތެރޭގައި ހިމެނެނީ ދިވެހި ސަރުކާރާއި އެސްޓޯނިއާގެ ސަރުކާރާ ދެމެދު މައުލޫމާތު ބަދަލުކުރުމާއި، މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމަށް ސޮއިކުރެއްވި ފަހުމުނާމާ އާއި، ދެގައުމުގެ ދެމެދުގައި ޕޮލިޓިކަލް ކޮންސަލްޓޭޝަން ފެށުމަށް ސޮއިކުރެއްވި ފަހުމުނާމާ އަދި، ރާއްޖޭގެ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒްއާ ދެމެދު ސޮއިކުރެއްވި ފަހުމުނާމާ އެވެ.

ރައީސް އޮފީހުން ބުނީ ރާއްޖެ ޑިޖިޓަލައިޒް ކުރެއްވުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެއްދެވުމަށް، އެ ދަތުރުފުޅުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ.

އަދި މަލްޓިލޭޓަރަލް ޕްލެޓްފޯމްތަކުގައި ދެގައުމުގެ މެދުގައި ފައިދާހުރި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އަޒުމް އިތުރަށް ހަރުދަނާކުރެވުނު ކަމަށާއި ރައީސް މުއިއްޒުގެ ވެރިކަމުގައި ރާއްޖެ ޑިޖިޓަލައިޒްކޮށް، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށް ދިނުމަށް ހާއްސަ އިސްކަމެއް ދެއްވަމުންދާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް