ޚަބަރު

1،600 އަށް ވުރެ ގިނަ މީހުން ކެންސަރަށް ފަރުވާ ހޯދާ: އެޗްޕީއޭ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހުޅުމާލެ ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ ސްކްރީނިން ޕްރޮގްރާމެއްގެ ތެރެއިން / ފޮޓޯ:ހުޅުމާލެ ހޮސްޕިޓަލް

ކެންސަރު ބައްޔަށް މާލެ ސަރަހައްދުގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 1،600 އަށް ވުރެ އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

Ads by STELCO

ރާއްޖޭގައި ގިނަ ބަޔަކު ކެންސަރު ބަލި ތަހައްމަލު ކުރަމުން އަންނައިރު، ކެންސަރު ޖެހިފައިވާ މީހުންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ.

އައިޖީއެމްއެޗް އާއި ހުޅުމާލެ ހޮސްޕިޓަލު މެދުވެރިކޮށް "ކެންސާ ރަޖިސްޓާ" ގައި މިހާތަނަށް 1،600 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ.

އެޗްޕީއޭއިން ބުނީ ރަށްރަށުގައި ތިބި މީހުންގެ މައުލޫމާތު އެއްކޮށް، ދަފުތަރުގައި ހިމެނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތް މި އަހަރުގެ ތެރޭގައި ކުރާނެކަން ވެސް ފާހަގަކުރި އެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން "އެކްސް" ގައި ކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ކަމުގައި ވިދާޅުވެފަ އެވެ.

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނުބައި އާދައިން ދުރުހެލިވުމަށް އަޒުމް ކަނޑައެޅުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ދުވަހާ ގުޅިގެން ހިއްސާ ކުރެއްވި ހާއްސަ މެސެޖުގައި ރައީސް ވަނީ މި އަހަރުގެ ކެންސަރު ބަލީގެ ދުވަހަށް ކަނޑައަޅާފައިވާ، "ޔުނައިޓަޑް ބައި ޔުނީކް" ނުވަތަ "އެފަދަ ދެވަނައެއްނެތް އެއްބައިވަންތަކަން" މި ޝިއާރުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. މި ޝިއާރުގައިވާ ފަދައިން، ބަލި ތަހައްމަލުކުރާ ކޮންމެ މީހަކީ ވެސް ތަފާތު ދަތުރެއް ކުރާ މީހެއް ކަމަށާއި، އެހެންނަމަވެސް މި ޝިއާރުގައި ބުނެދޭ ފަދައިން އެންމެން ތިބީ އެއްބައިވަންތަ ކަމާ އެކުގައި ކަމަށް ފާހަގަކުރެއްވި އެވެ.

މެސެޖުގައި ވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް އާންމު ސިއްހަތުގެ ކަންބޮޑުވުމެއްގެ ގޮތުގައި ސާވިކަލް ކެންސަރު ނުވަތަ ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ބަލި ނައްތާލުމުގެ ބައިނަލްއަގުވާމީ އަދި ސަރަހައްދީ އަމާޒަށް ވާސިލުވުމަށް ރާއްޖޭން ދަނީ، ކަނޑައެޅިފައި އޮތް ރާސްތާއިން މަސައްކަތް ކުރަމުން ކަމުގައި ވިދާޅުވެފައިވެ އެވެ.

ކެންސަރު ބަލީގެ ހާއްސަ މަރުކަޒެއް ގާއިމުކޮށް، ޕެލިއޭޓިވް ކެއާ ނުވަތަ ހައްސާސް ބަލިތައް ހުންނަ މީހުންގެ އަލާމާތްތައް ދެނެގަނެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީތެރިވެދޭ ހިދުމަތްތައް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާކޮށް، ހިދުމަތް ހޯދޭނެ މަގުތައް އިތުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި މިހާރު ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތް މެދުވެރިކޮށް، ރަށު ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި، ފަސް ބާވަތެއްގެ ކެންސަރު ބައްޔަށް ސްކްރީން ކުރެވޭ ކަމުގަ އެވެ. އަދި ކެންސަރު ބަލީގެ ހާއްސަ ތަހުލީލުތައް ކުރެވޭ ނުވަތަ ސްޕެޝަލައިޒްޑް ސްކްރީނިން މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެ ކަމުގެ ސަބަބުން ކެންސަރާ ދެކޮޅަށް ހިންގާ ޕްރޮގްރާމުތައް ހިންގުމަށް އިތުރު އެހީތެރިކަމެއް ލިބޭނެ ކަމުގައި ވިދާޅުވެފައިވެ އެވެ. އެ ތަންތަނަކީ ރަށު ފެންވަރުގެ އާބާދީތަކަށް ސިއްހީ ހިދުމަތްދޭ މަރުކަޒުތަކެއްގެ ގޮތުގައި ތަރައްގީ ކުރެވޭނެ ކަމުގަ އެވެ.

ކެންސަރު ބަލި ޖެހުމަށް މަގުފަހިކުރުވާ ކަންކަމާ ދެކޮޅަށް ގައުމީ ފެންވަރުގައި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި އިލެކްޓްރޯނިކް ސިނގިރޭޓް މަނާކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމުގެ ގާނޫނާއި ސިޔާސަތުތައް ހަރުދަނާކޮށްފައިވާކަން ފާހަގަކުރެއްވި އެވެ. ދުންފަތުގެ ވަބާއިން ސަލާމަތްވުމަށް ބޭނުންވާ ސިއްހީ ފަރުވާގެ ހިދުމަތްތައް އެއްވެސް އަގަކާ ނުލައި ފޯރުކޮށްދެވެމުން ދިއުމަކީ ކެންސަރުގެ ނުރައްކަލަށް ހުށަހެޅިދާނެ އަމަލުތަކުން ރައްޔިތުން ރައްކާތެރި ކުރުމަށް، ސަރުކާރުން ސާބިތުކަމާ އެކު ދެމި އޮތްކަން ހާމަކޮށްދޭ ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މެސެޖުގައި ރައީސް ވަނީ ގުޅިގެން މަސައްކަތްކޮށް، ޒިންމާދާރުކަމާއި ހިއްސާކުރުމުގެ ތެރެއިން ބަލިން ރައްކާތެރިވުމާއި އަވަހަށް ބަލި ދެނެގަތުމާއި ހަމަހަމަކަމާ އެކު ފަރުވާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ކާމިޔާބު މަސައްކަތްތަކެއް ކުރެވޭ ކަމުގެ ނިޝާނެއް ކަމުގައި ވިދާޅުވެފަ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހު ގެނެސް ސަރުކާރުން ވަނީ އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލަތްތަކާއި އެ އެއްޗެއްސާ އެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުން މަނާކޮށްފަ އެވެ. އަދި އެފަދަ އުފެއްދުންތައް ރާއްޖެއަށް އިޝްތިހާރު ކުރުމާއި ހިލޭ ބެހުން ވެސް ވަނީ މަނާކޮށްފަ އެވެ.

އޭގެ އިތުރުން 21 އަހަރުން ދަށުގެ މީހުންނާއި ކުޑަކުދިންނަށް ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުން އުފައްދާފައި ހުރި އެއްވެސް އެއްޗެއް ވިއްކުން ނުވަތަ ވިއްކުމުގެ މުއާމަލާތެއްގައި 21 އަހަރުން ދަށުގެ މީހަކު ނުވަތަ ކުޑަކުއްޖަކު ބައިވެރިކުރުން ގާނޫނުން މަނާކުރެ އެވެ.