ފޯޅަވަހީގެ މައްސަލައިގައި އަމަލުކުރި ގޮތް ބަލަން ޚާއްސަ ކޮމިޝަނެއް
ފޯޅަވަހީގެ މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލަ ދިރާސާކޮށް، އިހުމާލުވި ފަރާތްތައް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ ކޮމިޝަނެއް މިއަދު އުފައްދަވައިފިއެވެ.

ރާއްޖެއާއި ފޯޅަވައްސާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމަށް މޮރިޝަސްއިން ބައިނަލްއަގުވާމީ ކޯޓަށް ހުށަހެޅި މައްސަލައިގައި ރާއްޖޭން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޚާއްސަ ކޮމިޝަނެއް އުފައްދަވައިފިއެވެ.
މިފަދަ ކޮމިޝަނެއް އުފައްދަވާނެ ކަމަށް ރައީސް ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި "އިޓްލޮސްގެ ކޭސް ނަންބަރު 28ގައި ދިވެހިރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ކޮމިޝަން" އުފެއްދެވީ ޢާނޫނުއަސާސީގެ 115ވަނަ މާއްދާގެ (ގ)އިން ރައީސަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މި މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔައީ އޭރުގެ ސަރުކާރުން އަމަލުކުރި ގޮތުން ކަމަށް ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަނުގެ ރައީސަކަށް އައްޔަންކުރެއްވީ އަލްއުސްތާޒު އަހުމަދު ޝާކިރެވެ. ކޮމިޝަނުގައި ދެން ހިމެނިވަޑައިގަންނަ ވަނީ އަބްދުލްއަޒީޒް ޔޫސުފް، ޑރ. އާމިނަތު ޝާފިޔާ އާދަމް، ޑރ. އަބްދުލްމުހްސިން މުހައްމަދު، ރިޓަޔާޑް ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ސާދިގު، އަހުމަދު އަލީމަނިކު އަދި އަލްއުސްތާޒާ ފާތިމަތު މިންހަތު އިއްޒަތެވެ.
މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ އިޓްލޮސްއަށް މައްސަލަ ހުށަހެޅީއްސުރެ ނިމުމާ ހަމައަށް ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތް ބަލައި ތަހުގީގުކުރުމެވެ. މީގެ އިތުރުން، އެއްވެސް ފަރާތެއްގެ ޤާނޫނީ އިހުމާލެއް އޮތްތޯ ބަލައި، އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ފެންނަ ގޮތް ރައީސަށް ހުށަހެޅުން ވެސް ކޮމިޝަނުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.
ރައީސްގެ ޤަރާރުގައިވާ ގޮތުން، މި ކޮމިޝަން ދެމިއޮންނާނީ އެ ކޮމިޝަނާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންދެނެވެ.




ކޮމެންޓް