ބޮޑެތި ކުށްވެރިން ތިބޭތީ، ބޭރުގެ އުޅަނދުތަކަށް ނާރަން އަންގައިފި
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެއުޅޭ ބޭރުގެ ގޮތް ނޭނގޭ އުޅަނދުތަކުގައި މަދުން ނަމަވެސް ނުރައްކާތެރި ކުށްވެރިން ތިބޭކަން ފާހަގަކުރެވޭތީ އެ އުޅަނދުތަކަށް ނޭރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ރަށްރަށުގެ ކައުންސިލުތަކަށް އަންގަން ފަށައިފި އެވެ.
އެ ގޮތަށް ފެންނަ އުޅަނދުފަހަރުތަކަށް ނާރާން އެމްއެންޑީއެެފުން ބާރަށު ކައުންސިލާ މިދިޔަ ހަފްތާގައި އަންގާފައިވާއިރު، ކުޑަފަރީ ކައުންސިލަށްވެސް އަންގާފައިވެ އެވެ.
އެމްއެންޑީއެފްގެ އެންގުން ގެޒެޓުގައި ޝާއިއުކޮށް ކުޑަފަރީ ކައުންސިލުން ބުނީ ރާއްޖޭގެ މަސްވެރި އުޅަނދުފަހަރަށް އަރާ އެފަދަ އުޅަނދުތަށް ހިފަހައްޓަމުން ގެންދާކަމަށް އެމްއެންޑީއެފުން އަންގާފައިވާ ކަމަށެވެ.
"މިފަދަ ގޮތްނޭނގޭ އުޅަނދުފަހަރުގައި ނުރައްކާތެރި ކުށްވެރިން މަދުންނަމަވެސް ތިބޭކަން އެމްއެންޑިއެފް އަށް ފާހަގަކުރެވިފައިވާތީ، މިފަދަ ގޮތްނޭނގޭ އުޅަނދުފަހަރަށް އެރުމަކީ މިކަމުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ކުރިމަތިވެދާނެ ކަމެއްކަމަށް މިނިސްޓްރީ އޮފް ޑިފެންސްއިން ވިދާޅުވެފައިވެއެވެ" ކައުންސިލުން ބުންޏެވެ.
އެފަދަ އުޅަނދުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިއްޖެނަމަ އެފަދަ އުޅަނދުފަހަރަށް އެރުމުގެ ބަދަލުގައި ލަސްނުކޮށް ކޯސްޓްގާޑުގެ ފޯނު ނަންބަރު 3395981 ނުވަތަ ކޯސްޓްގާޑްގެ ހޮޓްލައިން 191 ނުވަތަ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރުމަށް އެދިފައިވެ އެވެ.
އަދި ކުޑަފަރީގައި ހަރަކާތްތެރިވާ މަސްވެރިންނާއި ދަތުރުކުރާ ފަރާތްތަކުންވެސް ސަމާލުވުމަށްވެސް ކައުންސިލުން އިލްތިމާސްކޮށްފައިވެ އެވެ.
ގޮތްނޭނގޭ އުޅަނދު ފަހަރުތަކަށް ނާރާން ސިފައިން އިލްތިމާސްކޮށްފައިވާއިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ބޭރުގެ މަސްބޯޓުތައް ދޭތެރެ ދޭތެރެއިން އަތުލައިގަނެ އެވެ. އެންމެ ގިނައިން އަތުލައިގަންނަނީ ސްރީލަންކާގެ އުޅަނދުތަކެވެ. ބައެއް އުޅަނދުތަކުން ރާއްޖެ އަށް މަސްތުވާތަކެތިވެސް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައި އެބަހުއްޓެވެ.