ޚަބަރު ރައްޔިތުންގެ މަޖިލިސް

މި އަހަރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން: ރައީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް، ރިޔާސީ ބަޔާން އިއްވަވަނީ / ފޮޓޯ:ރައީސް އޮފީސް

މި އަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަކީ ސަރުކާރުގެ އަމާޒު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ރައީސް މިހެން ވިދާޅުވެފައިވަނީ، މިއަދު ރައްޔިތުންގެ މަޖިލީހުގައި މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް 2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ހުސްވި އަހަރު ކަމުގަ އެވެ. އެއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 9 އިންސައްތައިގެ ކުރިއެރުމެކެވެ. މި އަހަރުގެ އަމާޒު ހާސިލުކުރުމަށް ޓަކައި، ގިނަގުނަ މަސައްކަތްތަކެއް މިހާރު ވަނީ ފަށާފައި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މިހާތަނަށް ފަތުރުވެރިކަން ފުޅާކުރެވިފައި ނެތް ހދ އަތޮޅު އަދި ތ އަތޮޅު ފަދަ އަތޮޅުތަކުގައި މި އަހަރު ތެރޭގައި އިންވެސްޓްކުރުމަށް ލުއިތަކާއި އިންސެންޓިވްތައް ދީގެން ރިސޯޓުތައް ހެދުމުގެ މަސައްކަތް ފެށުމަކީ ވެސް ސަރުކާރުގެ އަމާޒެއް ކަމުގަ އެވެ. މީގެ އިތުރުން، ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން ފާއިތުވި އަހަރު ވައިޑްބޮޑީ އެއާކްރާފްޓް އިފްތިތާހުކޮށްފައިވާ ކަމަށާއި، ޗައިނާގެ އިތުރު ސިޓީތަކަށާއި އެހެނިހެން ސަރަހައްދުތަކަށް ގައުމީ އެއާލައިންގެ އިންޓަނޭޝަނަލް އޮޕަރޭޝަން ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި، އިތުރު ވައިޑްބޮޑީ އެއާކްރާފްޓެއް މި އަހަރުގެ އޮކްޓޫބަރުގައި ގެނައުމަށް ވަނީ ހަމަޖެހިފައި ކަމުގަ އެވެ. މިކަމުގެ ސަބަބުން ޔޫރަޕުގެ ބައެއް މަންޒިލްތަކަށް ވެސް ގައުމީ އެއާލައިންގައި ސީދާ ރާއްޖެއިން އުދުހެން ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.