ޚަބަރު

ޕޮލިސް ފްލެޓުތަކުގެ މައްސަލާގައި އޮޑިޓާ ޖެނެރަލް ކޮމިޓީއަށް ހާޒިރުކުރަނީ

އަލީ ސަމާޙް ، ދެން އޮންލައިން
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން / ފޮޓޯ: މަޖިލިސް

ފުލުހުންގެ ވިޔަފާރި ކުންފުނި، ފޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕްލޮކް) އިން ހުޅުމާލޭގައި ފުލުހުންނަށް ހާއްސަ ފްލެޓްތައް އެޅުމުގައި ހިޔާނާތް ހިންގާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ފަށައި، މަޖިލީހުގެ މާލިއްޔަތާ ބެހޭ ކޮމިޓީއަށް އޮޑިޓާ ޖެނެރަލް މާދަމާ ހާޒިރުކުރަން ނިންމައިފި އެވެ.

Ads by Hajj Corporation

ފޮލްކޯއިން ހިންގާފައިވާ ހިޔާނާތުގެ މައުލޫމާތު ތިލަވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން އާއްމުކުރި ރިޕޯޓުންނެވެ.

މަޖިލީހުގެ މި ދައުރުގެ މަސައްކަތްތައް މާދަމާ ފަށާއިރު، މާލިއްޔަތު ކޮމިޓީއަށް އޮޑިޓާ ޖެނެރަލް ކޮމިޓީއަށް ހާޒިރުކުރަން ތާވަލުކޮށްފައިވަނީ 12:30 އަށެވެ.

މާލިއްޔަތު ކޮމިޓީން އޮޑިޓް ރިޕޯޓާ ގުޅިގެން މުހިއްމު މައުލޫމާތުތަކެއް އެއްކޮށްފައިވެ އެވެ.

އޮޑިޓާ ޖެނެރަލްގެ އެކިއެކި ރިޕޯޓްތައް ދިރާސާކުރުމާއި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެންގުމަކީ މާލިއްޔަތު ކޮމިޓީގެ މެންޑޭޓުގައި ހިމެނޭ ކަމެކެވެ.

ފުލުުހުންގެ ފްލެޓުތަކުގެ މައްސަލާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އިސްކަންދަރު ކޮށީގައި ހުންނަ ޕޮލްކޯގެ އޮފީސް ބަލައިފާސްކޮށް، ބައެއް ލިޔުންތައް ގެންގޮސްފަ އެވެ. އޭގެ މާބޮޑު ތަފްސީލެއް އޭސީސީން ހިއްސާއެއް ނުކުރެ އެވެ.

ފުލުހުންނަށް ހައުސިން ޔުނިޓުތަކެއް އަޅަން ޕޮލްކޯ އިން ކުރިއަށްގެންދިޔަ "ބްލޫ ހައުސިން" މަޝްރޫއުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން 354 މިލިއަން ރުފިޔާ ދައުލަތަށް ގެއްލިފައިވާ ކަމަށް އޮޑިޓާ ޖެނެރަލް (އޭޖީ) އޮފީހުން މި ފަހުން އާއްމުކުރި އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފަ އެވެ.

ފުލުހުންގެ ފްލެޓް މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 13 ބުރީގެ 3 ޓަވަރުގެ ކޮންސްޓްރަކްޝަން މަސައްކަތް 2013 ވަނަ އަހަރު ހަވާލުކުރީ ނޫމަޑި އާ އެވެ. އެ ކުންފުންޏަށް މަސައްކަތް ނުކުރެވި ލަސްވުމުގެ ސަބަބުން ދެން ހަވާލުކުރީ ނޫމަޑީގެ ސަބްކޮންޓްރެކްޓަރު އައިލެންޑް އެކްސްޕާޓަށެވެ.

އައިލެންޑް އެކްސްޕާޓާ އެކުވި އެއްބަސްވުމަށް އެކި ފަހަރުމަތިން ބަދަލުތަކެއް ގެނެސް، އަގަށް ވެސް ބަދަލު ގެނަ އެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ފުރިހަމަ ނުކޮށްގެން ޕޮލްކޯއިން އެ އެއްބަސްވުން ވެސް އުވާލި އެވެ.

އެ ހުރިހާ އެއްބަސްވުންތަކެއް އުވާލަން ހެދި "ސެޓްލްމަންޓް އެއްބަސްވުންތަކުން" ނުނިމި ހުރި މަސައްކަތްތައް ނިންމަން މަޝްރޫއު ސަރުކާރުގެ ދަށަށް ބަދަލުކުރި އެވެ. އެއަށްފަހު އެ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ހައުސިން މިނިސްޓްރީން އަމީން ކޮންސްޓްރަކްޝަނަށް މަސައްކަތް ހަވާލުކުރި އެވެ.

އޮޑިޓު އޮފީހުން އާންމުކުރި ރިޕޯޓުގައި ބުނި ގޮތުގައި މަޝްރޫއަށް އޮޑިޓު ކުރެވުނު ތާރީހުގެ ނިޔަލަށް 1.06 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމުގަ އެވެ. އެއީ ފިނޭންސް މިނިސްޓްރީގެ ޓެންޑަ އިވެލުއޭޝަން ބޯޑުން ހޯދި މައުލޫމާތުތަކާއި އަމިއްލަ ފަރާތްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ އަގުތަކަށް ބަލާއިރު، މަޝްރޫއަށް 354.7 މިލިއަން ރުފިޔާ އާއި މަދުވެގެން 240.1 މިލިއަން ރުފިޔާގެ އިތުރުވުމެއްކަން ފާހަގަކޮށްފައިވެ އެވެ.

އޮޑިޓު އޮފީހުން ބުނީ މުޅި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮންޓްރެކްޓަރުންނާ އެކު ވެފައިވާ އެއްބަސްވުންތަކަށް އެކި ފަހަރު މަތިން ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އަދި ނިންމާ މަސައްކަތަށް ފައިސާ ދެއްކުމުގެ ބަދަލުގައި އެކި ނަންނަމުގައި އެ ފަރާތްތަކަށް ފައިސާ ދައްކާފައިވާތީ، މި މުއާމަލާތްތަކުގެ ތެރެއިން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތްކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!