ދެމައިން މަރުވި މައްސަލާގައި ކަޅު ހެދުމުގައި ވިލިނގިލީ މީހުން އިހުތިޖާޖަށް

ގއ. ވިލިނގިލީގައި ގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުން ސިޒޭރިއަން ހެދުމަށް ފަހު މާލެ ގެނައުން ލަސްވެ އަންހެނަކާއި އޭނާގެ ތުއްތު ދަރިފުޅު ނިޔާވި މައްސަލާގައި އެ ރަށު މީހުން އެކަމުގެ ހިތާމަފާޅުކޮށް ކަންބޮޑުވުންތައް ހިފައިގެން އިހުތިޖާޖަށް މިއަދު ނުކުމެއްޖެ އެވެ.
ފަރުވާ ދިނުން ލަސްވެ ނިޔާވީ އެ ރަށު ޒަމާނީވިލާ، ފާތިމަތު ޝިއުނާ (37އ) އާއި އޭނާގެ ދަރިފުޅެވެ.
އާއިލާއިން ތުހުމަތުކުރާ ގޮތުގައި ޝިއުނާ ނިޔާވީ މޯލްޑިވިއަނުން އޮޕަރޭޓްކުރާ އެއާ އެމްބިއުލާންސު ކުއްޑޫ އަށް ދިޔުން ލަސްވެގެންނެވެ.
އެއާ އެމްބިއުލާންސުގައި ޝިއުނާ އާއި އޭނާގެ ދަރިފުޅަށް ބޭނުންވާވަރަށް އޮކްސިޖަން ނެތި ދެމައިންވެސް ނިޔާވީ ފްލައިޓް ރަންވޭ މަތީގައި އޮއްވައި ކަމަށް އާއިލާއިން މައުލޫމާތު ދީފައިވެ އެވެ. އެކަމަކު މޯލްޑިވިއަނުން ބުނީ ދެމައިން ބަލައި ދިޔަ އެއާ އެމްބިއުލާންސުގައި ހުރިހާ ވަސީލަތެއް ހުންނާނެ ކަމަށެވެ.
ހަވީރު 4:30 ގައި ހޮސްޕިޓަލު ކުރިމަތިން ފެށި އިހުތިޖާޖުގައި ވާހަކަ ދައްކަމުން ވިލިނގިލީ ކައުންސިލްގެ ޕީއެންސީ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، އެ އިހުތިޖާޖުގެ މައިގަނޑު ބޭނުމަކީ ހޮސްޕިޓަލާ ހަވާލުވެގެން ތިބި މީހުން ޒިންމާދާރު ކުރުން ކަމަށެވެ.
އިހުތިޖާޖަށް ނިކުތް މީހުން ތިބި ހިތާމަފާޅު ކުރުމުގެ ގޮތުން ކަޅު ހެދުން ލައިގެންނެވެ.
އިބްރާހިމް ވިދާޅުވީ ކޫއްޑޫއަށް ފޮނުވި އެއާ އެމްބިއުލާންސުގައި ވަސީލަތްތައް ހަމަކަމަށް މޯލްޑިވިއަނުން ބުނި ނަމަވެސް އޭގައި ހުރި ވަސީލަތްތައް މަސައްކަތްނުކުރާ ކަމަށެވެ.
"އަޅުގަނޑުމެން މިދަންނަވަނީ އެއާ އެމްބިއުލާންސުގައި ހުރި އެއްޗެހި މަސައްކަތެއް ނުކުރެޔޭ، ހަލާކުވެފައޭ ހުރީ މި ވާހަކަ ދައްކަން ބޭނުންވަނީ، އަޅުގަނޑުމެން ރައީސްއާ ހަމަޔަށް ދޭން ބޭނުންވާ މެސެޖަކީ މޯލްޑިވިއަންގެ ބޭފުޅުން އެ ހައްދަވަނީ ދޮގޭ" ކައުންސިލަރު ވިދާޅުވި އެވެ.

ގއ. އަތޮޅު ކައުންސިލްގެ ކުރީގެ މެންބަރު މުހައްމަދު ހަލީލް ވިދާޅުވީ ހޮސްޕިޓަލުގެ އިހުމާލުން އެތައް ބަޔަަކަށް އެކަށީގެންވާ ވަރުގެ ފަރުވާއެއް ނުލިބި ނިޔާވެފައިވާ ކަމަށެވެ. އަތޮޅުތެރޭގެ ހިދުމަތް ރަނގަޅުކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ގާތު އެދިވަޑައިގެން އޭނާ ބުނީ ބޭނުންވަނީ ރަނގަޅު ފެންވަރުގެ ޑޮކްޓަރެއް ކަމަށެވެ.
".. އަޅުގަނޑުމެންނަށް ލިބެންޖެހެނީ ކޮލެޖުން ފާސްނުވެގެން އެންމެ ފަހު ރީޓެސްޓުން ފާސްނުވާ ޑޮކްޓަރެއް ނޫނޭ، އަޅުގަނޑުމެންނަށް ލިބެން ޖެހެނީ އެއްވެސްތާކުން ވަޒީފާއެއް ނުލިބިގެން ސަލާމް ޖަހަމުން އައިސް މި ހޮސްޕިޓަލުން ވަޒީފާ ލިބޭ ޑޮކްޓަރެއް ނޫނޭ. އަޅުގަނޑުމެންނަށް ލިބެންޖެހެނީ ތަންތަނުން ބޭނުންނުކުރެވި ހުރި ހިދުމަތްތައް ނޫނު އަޅުގަނޑުމެންނަށް ލިބެން އެބަޖެހޭ" އޭނާ ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ އެތައް ސަރުކާރެއް ބަދަލުވެގެން ދިޔައިރުވެސް ވިލިނގިލީ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރެވިފައިނުވާ ކަމަށެވެ.
ހޮސްޕިޓަލު ކުރިމަތިން ފެށި އިހުތިޖާޖުގެ ބައިވެރިން ވަނީ "އަތޮޅު ތެރޭ ރައްޔިތުންނަށް ހައްގުވާ ސިއްހީ މިންވަރަކީ މީތޯ" ޖަހާފައިވާ ބެނާއެއް ހިފައިގެން ބޮޑު މަގުގައި ހިނގާފަ އެވެ.
ދެމައިންގެ މަރުގެ މައްސަލާގައި އިހުމާލުވާ މީހުންނަށް ފިޔަވަޅު އަޅައި އެ މަރަށް އިންސާފު ހޯދަންވެސް ގޮވާލާފައިވެ އެވެ.
ފުލުހުން ބުނީ، ހޮސްޕިޓަލުގެ އިހުމާލުން ޝިއުނާ އާއި އޭނާގެ ދަރިފުޅު ނިޔާވި މައްސަލައެއްގެ ޖިނާއީ ތަހުގީގު ފުލުހުން ކުރަމުންދާ ކަމަށެވެ. އެ މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ޙައްގުވާ މިންވަރަކާއި މީހެއްގެ މަރަކާ ކޮން ގުޅުމެއް އޮތީ ހުރިހާ ފުރާނައެއްވެސް މަރުވާނެ ގޮތާއި ވަގުތު ވަނީ ލއުއްވާފަ ބަޔަކު އިހުމާލު ވީމަ އެކަން ތަޙުގީގު ކުރަންޖެހޭނެ ﷲމިންވަރު ކުރެއްވި ގޮތަކަށް ގަބޫލުކުރުން އޮތީ ދެމައިންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި އާމީން
މީހކު ހައްޔަރު ކުރަންޏާ ކުރަްވީ ހޮސްޕިޓަލު މެނޭޖަރު ގައިމު ތިނަދު ހޮސްޕިޓަލުން އަދި ނުވޭ ތިކަހަލަ ކަމެއް ނުލާިކު ރަނގަޅު މިރަށު މަރުކަޒުން ހަމަ ބަލާފަ އެމީހުނަށް ނުވަނޏާ ތނަދޫއަށް ފޮނުވާލަނީ ތނަދުއިން ނުވަންޏާ މާލެ ފޮނުވަނީ ހަމަ އާސަންދައިން އެހެން ނޫނަސް ވިލިނގިލި ހޮސްޕިޓަލުގަ އުޅޭ އިދިކޮޅު ނަުހުންނާއި މުޢައްޒަފުން ކޮންމެހެންވެސް ސަރުކާރު ބަދުނާމު ވޭތޯ ވ ބުރަކޮށް މަސައްކކަތް ކުރާވާހަކަ މަ އަޑުއެހިން