މެނީލާގެ ހޮސްޕިޓަލެއް ފުރި އެނދެއްގައި ދެމީހުން

މެނީލާ،ފިލިޕީންސް: ސަރުކާރު ހޮސްޕިޓަލެއް ކަމަށްވާ ޑރ.ޖޯސް ފަބެއްލާ މެމޯރިއަލް ހޮސްޕިޓަލަށް ވިހަން ދާ މީހުން ގިނަވެ ހޮސްޕިޓަލް ފުރިއްޖެއެވެ.
މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހޮސްޕިޓަލްގައި 408 އެނދު ހުރިއިރު 589 މީހަކު އެ ހޮސްޕިޓަލްގައި މިހާރު ވެސް އެނދުމަތި ކޮށްފައިވެއެވެ. އަދި މި ދުވަސްވަރު ކޮންމެ ދުވަހަކު 50 މީހުން އެ ހޮސްޕިޓަލްގައި ވިހައެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެ ހޮސްޕިޓަލަކީ ސަރުކާރުގެ ހޮސްޕިޓަލަކަށް ވުމާއެކު ބޭސް ފަރުވާ ހިލޭ ކުރެވޭތީ ދިރިއުޅުމުގެ ހާލަތު ދަށް ފަންތީގެ މީހުން ވަރަށް ގިނައިން ދާ ހޮސްޕިޓަލެކެވެ. އަދި އެ ހޮސްޕިޓަލް ތޮއް ޖެހުމަކީ އަހަރުތަކެއް ކުރީންސުރެ ދިމާވަމުން އަންނަ މައްސަލައެކެވެ.
ނަމަވެސް ފިލިޕީންސްގައި ވެސް ކޮވިޑް19 ގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު ވެފައިވާތީ މި ދުވަސްވަރު ހޮސްޕިޓަލް ތޮއް ޖެހެމުން ދާތީ ގިނަ ބަޔަކު ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޚާއްޞަކޮށް އެއް އެނދެއްގައި ދެމީހުން ތިބެން ޖެހޭތީ އެކަމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑެވެ.
ވިހައިގެން އޮތް 21 އަހަރުގެ ސަރީނާ ކިޔާ މީހަކު ބުނެފައި ވަނީ އޭނާގެ ދަރިފުޅުގެ ނޭވާލާ ނިޒާމް ވަރަށް ބަލި ކަމަށާއި އެހެންވެ ދަރިފުޅަށާއި އޭނާ އަށް ވެސް ކޮވިޑް ޖެހިދާނެތީ އޭނާ ބިރު ގަންނަ ކަމަށެވެ.

އެ ހޮސްޕިޓަލްގެ 120 މީހަކަށް ކޮވިޑް ޖެހިފައިވާއިރު ، ހޮސްޕިޓަލް ތެރޭގައި ނޭނގި ، ކުއްލިއަކަށް ކޮވިޑް ފެތުރުމުގެ ފުރުސަތު ވެސް ބޮޑެވެ. އެ ހޮސްޕިޓަލުން ވާހަކަ ދެއްކި ޑޮކްޓަރެއް ބުނެފައި ވަނީ ވިހަން ހޮސްޕިޓަލަށް އަންނަ އަންހެނުންގެ ކިބައިގައި ކޮވިޑްގެ އަލާމާތްތައް ހުރި ނަމަވެސް އެނދުމަތި ނުކޮށްދީފާނެ ކަމުގެ ބިރަށް އެކަންކަން ސިއްރު ކޮށްފާނެ ކަމަށެވެ.
ފިލިޕީންސުން މިހާތަނަށް 260،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 3400 އަށް ވުރެ ގިނަ މީހުން ވަނީ އެ ބަލީގައި މަރުވެފައެވެ.
ލޮކްޑައުންގެ މައްސަލަދޯ… ހެހެ