ސިޔާސީ މުވައްޒަފުންގެ ނަންތައް ހާމަނުކުރަން ހައި ކޯޓަށް
![](https://dhen.mv/wp-content/uploads/2025/02/Screenshot-2025-02-02-211912.png)
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ސިޔާސީ ހުރިހާ މުވައްޒަފުންގެ ނަންތައް ހާމަކުރަން ޖެހޭ ގޮތަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުމެއް ރައީސް އޮފީހުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
މި ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްުޔަނުކޮށްފައިވާ ހުރިހާ މުވައްޒަފުންގެ ނަމާއި، އެޑްރެސްއާއި އަދި ވަޒީފާ އަދާކުރަމުންދާ ތަންތަނުގެ ތަފްސީލު ހިމެނޭ ގޮތަށް މައުލޫމާތު ހޯދުމަށް މީހަކު ހުށަހެޅުމުން ސަރުކާރުން އެ މައުލޫމާތު ދޭން ދެކޮޅު ހެދި އެވެ.
އެ މައުލޫމާތު ހާމަނުކުރި މައްސަލަަ އައިކޮމްއަށް ހުށަހެޅުމުން އެ އޮފީހުން ނިންމީ މުވައްޒަފުންގެ އެޑްރެސް ފިޔަވައި ދެން ހުރި މައުލޫމާތުތަކީ ހާމަކުރަން ޖެހޭ މައުލޫމާތެއް ކަމަށެވެ.
އައިކޮމްގެ ނިންމުމަށް ސަރުކާރުން މިހާތަަނަށް ވެސް އަމަލުކޮށްފައިނުވާއިރު ހައިކޯޓުގެ ރެޖިސްޓްރާއިން ފެންނަ ގޮތުން ރައީސް އޮފީހުން މިދިޔަ ހަފުތާ ހޯމަ ދުވަހު ވަނީ އެ ނިންމުން އެ ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރުން ވަކިކުރިކަމަށް ބުނާ 248 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު އާންމުކުރަން ވެސް އައިކޮމްއިން އޮތީ އަންގައިފަ އެވެ. ސަރުކާރުން ވަނީ އެ މައްސަަލަ ވެސް ހައި ކޯޓަށް ހުށަހަޅައިފަ އެވެ.