ސިޔާސީ މުވައްޒަފުންގެ ނަންތައް ހާމަކުރަން ނިންމައި މައްސަލަ ކޯޓުން ނަގައިފި

މި ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްުޔަނުކޮށްފައިވާ މުވައްޒަފުންގެ މައުލޫމާތު ހާމަނުކުރަން ހައި ކޯޓުގައި އިސްތިއުނާފްކުރި މައްސަލަ ސަރުކާރުން އަނބުރާ ގެންގޮސްފި އެވެ.
ސިޔާސީ މަގާމުތަކަށް އައްުޔަނުކޮށްފައިވާ ހުރިހާ މުވައްޒަފުންގެ އެޑްރެސް ފިޔަވައި ނަމާއި، ވަޒީފާ އަދާކުރަމުންދާ ތަންތަނުގެ ތަފްސީލު ހިމެނޭ މައުލޫމާތުތައް އާންމުކުރަން އިންފޮމޭޝަން ކޮމިޝަނަރު (އައިކޮމް) އޮފީހުން ނިންމުން ރައީސް އޮފީހުން އިސްތިއުނާފްކުރީ މި މަހުގެ ދެވަނަ ދުވަހު އެވެ.
ނަމަވެސް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިރޭ އެކްސްގައި ވިދާޅުވީ އެ މައްސަލަ ހައިކޯޓަށް ހުށަހެޅި ދުވަހު ނޫން ޖެހިގެން އަދި ދުވަހު މައްސަލަަ އަނބުރާ ނަގަން ހުށަހެޅި ކަމަށެވެ.
"މި މައުލޫމާތު ހޯދުމަށް އެދުނު ފަރާތަށް އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ އެއްގޮތަށް ފޯރުކޮށްދޭން ޖެހޭ މައުލޫމާތު ރައީސް އޮފީހުން ފޯރުކޮށްދޭނެ," އުޝާމް ލިޔުއްވާފައިވެ އެވެ.
ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރުން ވަކިކުރިކަމަށް ބުނާ 248 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު އާންމުކުރަން ވެސް އައިކޮމްއިން އޮތީ އަންގައިފަ އެވެ. އެ މައްސަލަ ވެސް ސަރުކާރުން ހައި ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލަ އަދިވެސް އޮތީ ކޯޓުގަ އެވެ.