ޔޫއޭއީ ސަރުކާރާއެކު ތަޖުރިބާ ހިއްސާކުރުމުގެ އެއްބަސްވުން އާކޮށްފި

ދިވެހި ސަރުކާރާއި، ޔޫއޭއީ ސަރުކާރާ ދެމެދު ވެފައިއޮތް ގަވަރމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަންގެ ދާއިރާއިން ތަޖުރިބާ ހިއްސާކުރުމުގެ އެއްބަސްވުން މިއަދު އާކޮށްފި އެވެ.
އެ އެއްބަސްވުން އާކުރީ މިހާރު ޔޫއޭއީގައި ކުރިއަށްދާ ވޯލްޑް ގަވަރމަންޓްސް ސަމިޓްގެ ހަވާސާގެ ތެރެއިން އެވެ.
އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުالله ފަޔާޒްއެވެ. އަދި ޔޫއޭއީގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ކެބިނެޓް އެފެއާޒް ފޯ ކޮމްޕެޓިޓިވްނަސް އެންޑް ނޮލެޖް އެކްސްޗޭންޖް މިނިސްޓްރީ ނައިބު އަބްދުﷲ ނަސީރު ލޫތާއެވެ.
މިއަދު އާކުރި އެއްބަސްވުމުގެ މަގުސަދުތަކުގެ ތެރޭގައި ޔޫއޭއީގެ ގަވަމެންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް (ޖީއީއީޕީ) ގެ ދަށުން ދިވެހި ސަރުކާރުގެ މަސައްކަތުގެ ނިޒާމާއި ތަޖުރިބާތަކުގެ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.
އެ އެއްބަސްވުމުގެ ދަށުން ގަވާމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަންގެ ދާއިރާއިން ހިންގޭ ޕްރޮގްރާމްތަކުގައި ދިވެހި ސަރުކާރުގެ އޮފިޝަލުން ބައިވެރިވުމުގެ ފުރުސަތުވެސް ލިބޭއިރު ފާއިތުވި ތިން އަހަރުވެސް ރާއްޖެއިން ވަނީ ޖީއީއީޕީގައި ބައިވެރިވެފަ އެވެ.
ޖީއީއީޕީ ޕްރޮގްރާމް ހުލާސާކޮށް:
- އެ ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިވެހި ސަރުކާރުގެ މުވައްޒަފުންގެ ކުރިއެރުމަށްޓަކައި އުނގެނުމާއި އީޖާދީ މުހިންމު އެކިއެކި ކަންކަމުގެ މައްޗަށް ބިނާކޮށް
- ސިވިލް ސަރވިސް މުވައްޒަފުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ހިމެނޭގޮތަށް 128 މުވައްޒަފަކުން ޖީއީއީޕީގެ ހަތަރު ތަމްރީން ޕްރޮގްރާމްއެއްގައި ބައިވެރިވެ ތަމްރީންވެފައިވޭ
