ޚަބަރު ރައްޔިތުންގެ މަޖިލިސް

ތިން ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރަން މަޖިލިހަށް ފޮނުވައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ރާއްޖެއިން ބޫޓާނަށާއި ކުވައިތަށާ އަދި ސްވިޒަލޭންޑަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދުމަށް ތިން ބޭފުޅެއްގެ ނަން ފޮނުއްވައިފި އެވެ.

Ads by STELCO

ނޮން-ރެސިޑެންޓް ސަފީރުންގެ ގޮތުގައި ކަނޑައެޅުމަށް އެދިވަޑައިގެން ތިން ބޭފުޅުންގެ ނަމާ އެކު، މަޖިލިހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅު މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ. އެ ސިޓީފުޅުގައި ހުށަހެޅުއްވި ނަންތަކަކީ:

  • ރާއްޖޭން ބޫޓާނަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރަކަށް - ރާއްޖޭން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދު
  • ރާއްޖޭން ކުވައިތަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރަކަށް - ރާއްޖޭން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު ސަރީރު
  • ރާއްޖޭން ސްވިޒަލޭންޑަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރަކަށް - ރާއްޖޭން ޔޫއެންއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު

ނޮން-ރެސިޑެންޓް ސަފީރުން ކަނޑައެޅުއްވުމުގެ އިތުރުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ރާއްޖޭން ދާއިމީ މަންދޫބެއް ހަމަޖެއްސެވުމަށް ރައީސް ފޮނުއްވެވި ސިޓީފުޅު ވެސް ވަނީ އިއްވާފަ އެވެ. އެ ސިޓީފުޅުގައި ހުށަހެޅުއްވީ:

  • އޯއައިސީއަށް ރާއްޖޭން ހަމަޖައްސާ ދާއިމީ މަންދޫބަކަށް - ރާއްޖޭން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު ސަރީރު

ރާއްޖޭން މިސްރަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރަކަށް ސަރީރު އައްޔަންކުރެއްވުމަށް މަޖިލިހުގެ އިއްޔެގެ ޖަލްސާއަށް ވަނީ ހުށަހަޅުއްވާފަ އެވެ.

މި މައްސަލަތައް ދިރާސާ ކުރުމަށް މަޖިލިހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.