ޚަބަރު ސަރުކާރު

އަގު މާ މަތި ކުރާނަމަ ސަރުކާރުން ބާޒާރުގެ ތެރެއަށް ވަންނާނަން: މިނިސްޓަރު ސައީދު

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އަހާ ފޯރަމުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

މި ރޯދަ މަހާ ދިމާކޮށް ކަނޑައެޅިފައިވާ ވަކި ބާވަތްތަކެއްގެ ތެރެއިން އެއްވެސް ބާވަތެއްގެ އަގު ބާޒާރުގައި މާބޮޑަށް އުފުލިގެންދާ ނަމަ ބާޒާރުގެ ތެރެއަށް ސަރުކާރުން ވަންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ދައުލަތުގެ ވަޒީރުންނަށް ރައްޔިތުންނަށް ސީދާ ސުވާލުކުރެވޭ ގޮތަށް މި ސަރުކާރުން ކުރިއަށް ގެންދާ "އަހާ" ފޯރަމުގައި މިރޭ ބޭއްވި ސެޝަނުގައި، އާންމުންގެ މީހަކު ވަނީ ރޯދަ މަހާ ދިމާކޮށް ބާޒާރުގައި ތަކެތީގެ އަގު އުފުލޭ މައްސަލައާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ސުވާލެއް ކޮށްފަ އެވެ.

ސުވާލުގެ ޖަވާބުގައި އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ފުރަތަމަ ފަހަރަށް ރޯދަ މަހު ބާޒާރު މެނޭޖު ކުރެވިގެން ދިޔައީ މިދިޔަ އަހަރު ކަމަށެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރިމަތިވި ފުރަތަމަ ރޯދަ މަސް ކަން ވެސް މިނިސްޓަރު ސައީދު ފާހާގަ ކުރެއްވި އެވެ.

"އެކަން އެގޮތަށް ވެގެން ދިޔަ ސަބަބަކީ ވަރަށް ބޮޑު އިސްކަމެއް ދެއްވި ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ވަކި ކޮމިޓީއެއް ވެސް ހައްދަވާފައި އަދި އަޅުގަނޑުމެންގެ މިނިސްޓްރީ އާ އަދި ކަމުގެ ގުޅުންހުރި ހުރިހާ ތަނެއް ވާހަކަ ދައްކައިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދިޔައިން،" ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވެސް އިކޮނޮމިކް މިނިސްޓަރުގެ މަގާމު ފުރުއްވި ސައީދު ވިދާޅުވި އެވެ.

ކުރިއަށް ރޯދަ މަހު ވެސް އަގު މެނޭޖު ކުރެވޭނެ ކަމުގެ ޔަގީން ކަން ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް ސިޔާސަތެއް ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން އެކުލަވާލާފައިވާނެ ކަމަށެވެ. އެ ގޮތުން އާންމު ގޭބިސީއެއްގައި ބޭނުންކުރާނެ ހުރިހާ ބާވަތެއްގެ މުދާ ލިސްޓުކޮށް އެއިން އެންމެ އަސާސީ މުދާ ވެސް ދެނެގަނެފައިވާނެ ކަމަށެވެ.

ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް އެއިން ބާވަތެއްގެ އަގު މާ ބޮޑަށް އުފުލިގެންދާނަމަ ސަރުކާރުން ބާޒާރުގެ ތެރެއަށް ވަދެ އަގު މެނޭޖު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"183 އައިޓަމްގެ މައްޗަށް އެކުލެވޭ ލިސްޓެއް އެއީ. އޭގެ ތެރެއިން 54 ބާވަތް ރަމަޟާން މަހަށް ހާއްސަކޮށްގެން އަޅުގަނޑުމެން އިންނާނެ ކްރިޓިކަލްސް އައިޓަމްްސްގެ ގޮތުގައި ކަނޑައަޅާފައި، އެއިން އެއްވެސް ބާވަތެއްގެ މުދަލެއްގެ އަގު އުފުލިގެންދާ ނަމަ، ސަރުކާރުން މާކެޓަށް އިންޓަވީން ކުރާނެ"

ރާއްޖޭގެ އިންފްލޭޝަންއާ ގުޅޭ ގޮތުން މިދިޔަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ވޯލްޑު ބޭންކުން ނެރުނު ރިޕޯޓަށް އަލިއަޅުއްވާލައްވައި މިނިސްޓަރު ވިދާޅުވީ މި އަހަރު އިންފްލޭޝަން 7 އިންސައްތައަށް އުފުލޭނެ ކަމަށް ލަފާކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން އެޅި ފިޔަވަޅުތަކުން 3 އިންސައްތައިން ދަށުގައި އިންފްލޭޝަން ހިފެހެއްޓިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން ތަކެތީ އަގު މެނޭޖު ކުރަމުން ދަނީ އެސްޓީއޯގެ ވެސް އެހީ ހޯދައިގެން ކަން ސައީދު ފާހަގަ ކުރެއްވި އެވެ. ބާޒާރުގައި ލިބުމުގައި ދަތި ކާބޯތަކެތި ފާހަގަކޮށް އެސްޓީއޯއިން ދުރާލާ ޝިޕްމަންޓްތަކަށް ވަނީ އޯޑަރު ވެސް ދީފަ އެވެ. ސަރުކާރު ހިއްސާވާ އެ ކުންފުނިން ވެސް ބުނެފައިވާ ގޮތުގައި އެ ތަކެތި ހެޔޮ އަގެއްގައި އެ ކުންފުނިން ފޯރުކޮށްދެމުންދާނެ އެވެ.

އަސާސީ މުދާ ހޯދުމުގައި އާންމުންނަށް ކުރިމަތިވާ ހުރަސްތައް ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އެ މަސައްކަތުގެ ތެރެއިން ކަނޑައެޅިފައިވާ އެއްވެސް ބާވަތެއްގެ މުދަލެއްގެ އަގު އުފުލިގެންދާން ރައީސް ބޭނުންފުޅުވެ ވަޑައިނުގަންނަވާ ކަމަށެވެ.

ކާށީގެ އަގަށް މީގެކުރިން އައި ބަދަލަށް އިޝާރާތްކުރައްވައި އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ކާއްޓާއި ފިޔާގެ އިތުރުން އާންމުކޮށް ބޭނުންކުރާ އެފަދަ ބާވަތްތައް އެސްޓީއޯ މެދުވެރިކޮށް ރާއްޖެ އެތެރެކޮށް އަގުތައް ސަރުކާރުން ހިފަހައްޓާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ އެއްޗެއްގެ އަގު ބޮޑުވާ މައްސަލަ އައިއްސި ކަމަށް ވަންޏާ، ހަމަ އިމީޑިއަޓްލީ އެއަށް އެޓެންޑްވުން،"

ރޯދަ މަހާ ގުޅިގެން އަސާސީ ބާވަތްތަކުގެ ތެރޭގައި ހިމެނޭ އެއްވެސް ބާވަތެއްގެ މުދަލެއްގެ އަގު ބޮޑު ނުކުރުމަށް ސައީދު ވަނީ އިލްތިމާސް ކުރައްވާފަ އެވެ. އެކަން ކުރުމުގައި ދަތިތަކާ ކުރިމަތިވާ ނަމަ، އެކަމެއް ހިއްސާ ކުރުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!