ރާއްޖޭގައި ހައްދު ފަހަނައަޅައި ދިޔުން އެހާ އާންމެއް ނޫން: އިސްލާމިކް މިނިސްޓަރު

ރާއްޖޭގައި ދީނީ ހައްދު ފަހަނައަޅައި ދިޔުން އެހާ އާންމު ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ވަޒީރުންނަށް ރައްޔިތުންނަށް ސީދާ ސުވާލުކުރެވޭ ގޮތަށް މިރޭ ކުރިއަށްދާ "އަހާ" ފޯރަމްގައި މީހަކު އިސްލާމިކް މިނިސްޓަރާ ކުރި ސުވާލެއްގައި ބުނީ ރާއްޖެއަކީ ހައްދު ފަހަނައަޅާފައިވާ ތަނެއް ގޮތަށް ސިފަކޮށް ރާއްޖޭގެ ނަން ކިލަނބުކޮށްލަން ބައެއް ފަރާތްތަކުން އުޅޭތީ، އެ ފަރާތްތަކަށް ދޭނީ ކޮން ޖަވާބެއްތޯ ކަމަށެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖެއަކީ 100 ޕަސެންޓް މުސްލިމު ގައުމެއްގެ އިތުރުން ދިވެހީންނަކީ އެއްބައިވަންތަ ވެސް ބައެއް ކަމަށެެވެ. އެ ގޮތުން މަންހަޖަށް ބަލާއިރު ވެސް ހުރިހާ ދިވެހީންނަކީ ސުންނީ މުސްލިމުންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"އެހެންކަމުން ރާއްޖޭގައި ދީނީ ގޮތުން ބައިބައިވުންތަކެއް ނެތް. ރާއްޖޭގެ މީހުންނަކީ އިސްލާމްދީނުގެ ވަރަށް މެދު މިނުގެ އުސޫލުތައް ދަމަހައްޓާ އެއަށް ތަބާވާ ބައެއް. ހައްދު ފަހަަނައަޅައި ދިއުމާއި މި ބާވަތުގެ ކަންތައްތަކަކީ އާންމުކޮށް ރައްޔިތުންގެ ތެރޭގައި އޮތް ކަންތައްތަކެއް ނޫން" މިނިސްޓަރު ވިދާޅުވި އެވެ.
އެހެން ނަމަވެސް ބައެއް ފަހަރު އެފަދަ ހަރުކަށި ފިކުރުތައް ފެންމަތިވެ އެކަންކަމާމެދު ގާނޫނީ ގޮތުންނާއި އިލްމީ ގޮތުން ފިޔަވަޅު އަޅާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަކު ރާއްޖެއަކީ ހައްދު ފަހަނައަަޅާފައި ގައުމެއްގެ ގޮތުގައި ސިފަ ނުކުރެވޭނެ ކަމަށާއި އަދި އެކަމަށް ޖާގައެއްް ވެސް ނޯންނާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"އެއީ ދުނިޔޭގައި އެހެން ގައުމުތަކުގައި އެކަން އޮތް ވަރަކަށް ރާއްޖޭގައި ނެތް. ރާއްޖޭގައި އެކަމަށް އިލްމީ ގޮތުން ވަރަށް ރަނގަޅަށް ފަރުވާ ކުރެވެމުން ދަނީ" މިނިސްޓަރު ވިދާޅުވި އެވެ.