ޚަބަރު

ޖާބިރުގެ މާލީ ބަޔާނުގައި ވަޒީފާގެ މުސާރައާއި އިނާޔަތްތައް ފިޔަވާ އިތުރު އެއްޗެއް ނެތް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ގެ މާލީ ބަޔާން ވެސް ހުށަހަޅުއްވައިފިއެވެ. ނަމަވެސް ޖާބިރު ގެ މާލީ ބަޔާނުގައި އޭނާ އަދާ ކުރައްވާ ވަޒީފާގެ މުސާރައާއި އިނާޔަތް ފިޔަވައި އެހެން މާލީ ނަފާއެއް އެއް އަހަރު ދުވަހުގެ ތެރޭގައި ލިބިވަޑައިގެންފައި ނުވާ ކަމަށް މާލީ ބަޔާނުން ދައްކައެވެ.

Ads by Hajj Corporation

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މާލީ ބަޔާން ހުށަހެޅުއްވަން ދިން މުއްދަތުގައި ޖާބިރު އެބަޔާން ހުށަހަޅުއްވާފައެެއް ނުވެއެވެ. މާލީ ބަޔާން ހުށަހަޅުއްވަން އިތުރަށް ދީފައިވާ 15 ދުވަސް ހަމަވާން އޮތް ދުވަހު، އެބަޔާން ހުށަހަޅުއްވާފައިވާއިރު، ޖާބިރު ވިދާޅުވީ ކުރިން މާލީ ބަޔާން ހުށަ ނޭޅުއްވުނީ ބޭނުންވާ ބައެއް މައުލޫމާތު ހޯދުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ.

ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 31 ގެ ކުރިން، މަޖިލިސް މެމްބަރުންނާއި އެ މެމްބަރުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ކަމަށް މަޖިލިސް ގަވައިދުގައި ބުނެފައިވެއެވެ.

ކާށިދޫ ދާއިރާގެ މެންބަރުގެ މާލީ ބަޔާނުގައިވާ ގޮތުގައި މޭ 2019 އިން 27 މޭ 2020 އަށް އޭނާއަށް ލިބިވަޑައިގަތީ މަޖިލީހުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގެންނެވި މާލީ މަންފާއެއް އެކަންޏެވެ.

އެގޮތުން އެ މުއްދަތުގެ ތެރޭގައި މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ޖާބިރަށް ލިބިވަޑައިގެންފައި ވަނީ 765،776.36 ރުފިޔާ އެކަނި ކަމަށް މާލީ ބަޔާނުން ދައްކާފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!