ޚަބަރު

ލާދީނީ ރިޕޯޓެއް ނެރުނު "އެމްޑީއެން" އާއި "އުތެމަ" ގެ މައްސަލަ އޮތް ހިސާބެއް ސާފުކޮށްދޭން އެދިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިސްލާމްދީނަށް ފުރައްސާރަކޮށް ލާދީނީ ރިޕޯޓުތަކެއް ނެރުނު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އާއި "އުތެމަ" ޖަމިއްޔާގެ މައްސަލަ އޮތް ހިސާބެއް ސާފުކޮށް ދިނުމަަށް ރައްޔިތުންގެ އިއްތިހާދުން އެދިއްޖެ އެވެ.

Ads by MWSC

ރައްޔިތުންގެ އިއްތިހާދުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާއި ޖަމިއްޔާގެ ރިޕޯޓަށް ތާއީދުކޮށް އިތުރު ރިޕޯޓެއް ތައްޔާރުކުރި އުތެމަ ޖަމިއްޔާގެ މައްސަލަ އާއި ގުޅިގެން އެ އިއްތިހާދުން ޕްރޮސެކިއުޓަރު ޖެނެރަލްއާ ބައްދަލުކޮށްފައިވާ ކަމަށާއި އެ ބައްދަލުވުމުގައި ޕީޖީ ލަފާ ދެއްވީ ފުލުހުންގެ ތަހުގީގު މިހާރު ގޮސްފައިވާ ހިސާބު ސާފުކުރުމަށްޓަކައި ފުލުހުންނަށް ލިޔުމަކުން ހުށައަޅައިގެން ހޯދުމަށްފަހު ފުލުހުންގެ ފަރާތުން ލިބޭ ޖަވާބާއި ލިޔެކިޔުމާއެކު އަލުން މައްސަލަ ޕީޖީއަށް ހުށައެޅުމަށް ކަމަށެވެ.

އެހެންކަމުން އެމްޑީއެން އާއި އުތެމަ ގެ މައްސަލަ މިހާރު އޮތް ހިސާބު ސާފުކޮށްދިނުމަށާއި ތަހުގީގު ގޮސްފައިވާ ހިސާބުގެ ތަފްސީލެއް ދިނުމަށް ވެސް ރައްޔިތުންގެ އިއްތިހާދުން އެދިލައްވާފައިވެއެވެ.

އިސްލާމްދީނަަށް ފުރައްސާރަކޮށް ރިޕޯޓު ހެދި މައްސަލައިގައި އެމްޑީއެން އުވާލާފައިވާކަން ދުނިޔެއަށް ހާމަކޮށްދިނުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަރިހުގައިވެސް އެ އިއްތިހާދުން އެދިފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!