ޚަބަރު

ޖެނެރޭޓަރުތައް މަރާމާތުކޮށް، އަންނަ ހަފުތާގައި އައްޑޫގެ ކަރަންޓުގެ މައްސަލައަށް ހައްލު ހޯދޭނެ: ފެނަކަ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

އައްޑޫ ސިޓީގެ ސެންޓްރަލް ޕަވަ ސްޓޭޝަނުގައި ބޭނުންކުރަމުންދާ ޖެނެރޭޓަރު ސެޓްތަކުގެ ތެރެއިން މައްސަލަތައް ދިމާވެފައިވާ 3 ޖެނެރޭޓަރު ސެޓު މަރާމާތުކޮށް، އަންނަ ހަފުތާގައި އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލު ހޯދޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

Ads by STELCO

ހިތަދޫ އާއި ގުޅިފައިވާ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވަ ސްޓޭޝަނުގައި ބޭނުންކުރަމުންދާ ޖެނެރޭޓަރު ސެޓްތަކުގެ ތެރެއިން 3 ޖެނެރޭޓަރު ސެޓަށް ވަނީ މައްސަލަތައް ދިމާވެފަ އެވެ. އަދި އިތުރު އެއް ޖެނެރޭޓަރު ސެޓް ވަނީ މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

އެކަމާ ގުޅިގެން އެ ރަށްރަށަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމުގައި ދަތިތަކެއް ދިމާވެ، އެކި ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ދަނީ ކަރަންޓު ކަނޑަމުންނެވެ.

ފެނަކައިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އައްޑޫގެ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމުގައި ދިމާވެފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ. އެގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން 1.8 މެގަވޯޓުގެ ޖެނެރޭޓަރު ސެޓެއް ހޯދައި، އައްޑޫއަށް ފޮނުވުމަށް ލޭންޑިން ކްރާފްޓަށް މިހާރު ލޯޑްކޮށްފައިވާ ކަމަށެވެ.

"ހަލާކުވި ޖެނެރޭޓަރުތަކުގެ ތެރެއިން 1 ޖެނެރޭޓަރު މަރާމާތުކޮށް މިހާރު ހިންގާފައިވާއިރު، 2 ވަނަ ޖެނެރޭޓަރު މަރާމާތުކޮށް، މި ހަފުތާގައި ނިޔަލަށް ހިންގޭނެ އެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުން ސްޕެއަ ގެނެސްގެން 3 ވަނަ ޖެނެރޭޓަރު މަރާމާތުކޮށް، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސް ތެރޭ ހިންގަން ފެށޭނެ އެވެ،"

ފެނަކައިން ބުނި ގޮތުގައި ރޯދަ މަހަކީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހަކަށްވާތީ އާއި އައްޑޫގައި ތަރައްގީގެ އެކި މަޝްރޫއުތައް ކުރިއަށްދާތީ ދުވަހުން ދުވަހަށް ކަރަންޓުގެ ޑިމާންޑް މަތިވަމުންދާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމުގަ އެވެ.

މެދުކެނޑުމެއްނެތި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއްގެ ޒިންމާ ނަގައިގެން އެ ކުންފުނިން ކުރަމުންދާނެ ކަމުގެ ޔަގީންކަން ފެނަކައިން ވަނީ ދީފަ އެވެ.

ފެނަކައިން އައްޑޫގައި ހިންގާ އިންޖީނުގެއަށް ބޭނުންވާ ސްޕެއާތައް ލިބުން ލަސްވާ ސަބަބު އަދި ކަރަންޓުގެ މައްސަލަ ހައްލު ނުކުރެވޭ ސަބަބު ސާފުކުރުމަށް، ފެނަކައިގެ އިސްވެރިން ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އެންޑް އެންޓްޕްރައިސަސް ކޮމިޓީ (އެސްއޯއީ) އަށް ހާޒިރުކުރަން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގް ވަނީ ހުސްވި މަހުގެ ފަހުކޮޅު ހުށަހަޅުއްވާފަ އެވެ.

އަޒާން ވަނީ ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބި ދިގުލައިގެން ދިޔުމުގައި ފެނަކައިގެ އިސްވެރިންގެ އިހުމާލާއި ފަރުވާކުޑަކަން އޮތް ކަމުގައި ދެކޭ ކަމަށް ވިދާޅުވެފަ އެވެ.

ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބި ދިގުލައިގެންދާތީވެ، އަޒާން ހިމެނިވަޑައިގަންނަވާ ގޮތަށް އެ ސިޓީގެ މެމްބަރުން ފެނަކައިގެ އިސްވެރިންނާ އެކު ދެ ފަހަރެއްގެ މަތިން ބައްދަލުކޮށް، ސްޕެއާތައް ލިބޭނެ ގޮތް ހަމަޖައްސައިދޭން އެދިވަޑައިގެންނެވި އެވެ. އެކަމަކު އޭގެފަހުން 26 ދުވަސް ފަަހަނައަޅައި ދިޔައިރު ވެސް އެކަން ހައްލުވެފައިނުވާކަން ވަނީ ފާހަގަކުރައްވާފަ އެވެ.

ރަށްރަށުން ކަރަންޓު ކެނޑޭ މައްސަލައަށް ހައްލުކުރަން ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޖެނުއަރީ މަހުގެ ކުރީކޮޅު ވަނީ ވިދާޅުވެފަ އެވެ. ރޯދަ މަހާ ދިމާކޮށް ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ވަރަށް ބޮޑު އިސްކަމެއްދެއްވާކަން ފާހަގަކުރައްވާ ވިދާޅުވެފައި ވަނީ އިތުރު ޖަނަރޭޓަރުތައް ގެނެސް ރޯދަ މަހުގެ ކުރިން މައްސަލައަށް ހައްލު ހޯދުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!