ޚަބަރު ޝަރުޢީ ދާއިރާ

ގޮނޑި ގެއްލޭ އިސްލާހު: މައްސަލަ ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ނިންމައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިހުތިސޯސް އެ ކޯޓަށް ލިބިގެންވޭތޯ ދައުލަތުން އުފެއްދި އިއުތިރާޒީ ނުކުތާ އާ މެދު ގޮތެއް ނުނިންމައި މައްސަލަ ކުރިއަށް ގެންދިއުމަށް ކޯޓުން ނިންމައިފި އެވެ.

Ads by MPL

ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން މައްސަލަ ހުށަހެޅުއްވީ މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. މައްސަލައަށް އެމްޑީޕީން ވަނީ ތަދައްހުލުވެފަ އެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗަކުން ބަލާ މައްސަލައިގެ ފުރަތަމަ އަޑުއެހުން އިއްޔެ ވަނީ ބާއްވާފަ އެވެ.

އަޑުއެހުމުގައި އަލީ ހުސައިންގެ ފަރާތުން ވަކާލާތު ކުރައްވަމުން ގާނޫނީ ވަކީލު މަހްފޫޒް ސައީދު ވަނީ ގާނޫނު އަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައި ވަނީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާ އާއި 90 ވަނަ މާއްދާ އާ ފުށުއަރާ ގޮތަށް އަދި ތިން ބާރު ވަކިވާ ގޮތަށް އަސާސްތައް ބައްޓަންވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވާ ގޮތަށް ކަމުގައި ފާހަގަކުރައްވާފަ އެވެ.

ވުމާ އެކު ގާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހު ބާތިލުކޮށްދޭން އެދިވަޑައިގެންނެވި އެވެ. އަދި އެ އިސްލާހު ދެމިއޮންނަ މުއްދަތުގައި 20 ވަނަ މަޖިލިހުގެ މެމްބަރުންގެ މައްޗަށް އިސްލާހުގެ އެއްވެސް މާއްދާއެއް ނުހިނގާނެ ގޮތަށް ކަނޑައަޅައިދިނުމަށެވެ.

ދައުލަތް ތަމްސީލުކުރާ އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލުން އިއްޔެ ވަނީ އިޖުރާއީ ގޮތުން މި މައްސަލައަކީ ސުޕްރީމް ކޯޓަށް ބެލުމުގެ އިހުތިސޯސް ލިބިގެންވާ މައްސަލައެއް ނޫން ކަމަށް ބުނެ އިޖުރާއީ އިއުތިރާޒެއް ހުށަހަޅާފަ އެވެ.

މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި އިޖުރާއީ އިއުތިރާޒާ ގުޅޭގޮތުން ވާހަކަދެއްކުމަށް އެމްޑީޕީއަށް ދިން ފުރުސަތުގައި ވަކީލު އަނަސް އަބްދުއްސައްތާރު ވަނީ މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަކީ އެ ޕާޓީން ވެސް ފާހަގަކުރާ ކަންކަން ކަމަށް ވުމާ އެކު، އެ ނުކުތާތަކަށް ތާއީދުކުރާ ކަމަށް ވިދާޅުވެފަ އެވެ.

މައްސަލަ ހުށަހެޅި ފަރާތަށާއި މައްސަލަ ރައްދުވާ ފަރާތަށް އަދި ތަދައްހުލުވި ފަރާތްތަކަށް ސްޓޭޓްމަންޓް ދިނުމަށް ދިން ފުރުސަތަށް ފަހު ފަނޑިޔާރުން ވަނީ އެ ފަރާތްތަކަށް ސުވާލުތައް ކުރައްވާފަ އެވެ. އެއަށް ފަހު އިޖުރާތްތައް ހަމަޖެހިފައިވާ ގޮތަށް ފަނޑިޔާރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ބައިގަޑިއިރެއްހާއިރަށް އަޑުއެހުން މެދުކަނޑާލި އެވެ.

އަޑުއެހުން އަލުން ފެށުމަށް ފަހު މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާ މެދު ނިންމި ގޮތް ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވިދާޅުވީ ސުޕްރީމް ކޯޓުގެ އިހުތިސޯސާ މެދު ދައުލަތުން ހުށަހެޅި ނުކުތާއަށް ގޮތް ނިންމަވާނީ މުޅި މައްސަލަ ބެއްލެވުމަށް ފަހުގައި ކަމަށެވެ.

"އަލީ ހުސައިން ވ. އެޓާނީ ޖެނެރަލްގެ އޮފީހުގެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ފަނޑިޔާރުން ކުރެއްވި މަޝްވަރާއަށް ފަހު، ފަނޑިޔާރުން ނިންމަވާފައި ވަނީ މައްސަލަ ކުރިއަށް ގެންދިއުމަށް އަދި މި މައްސަލައިގައި ހުށަހެޅުނު އިޖުރާއީ އިއުތިރާޒާ މެދު ފަނޑިޔާރުން ދެކިވަޑައިގަންނަވާ ގޮތް މައްސަލަ ނިންމުމުގައި ހިމެނުމަށް،" އުއްތަމަ ފަނޑިޔާރު އިއުލާނު ކުރެއްވި އެވެ.

އެއަށްފަހު އުއްތަމަ ފަނޑިޔާރު ވަނީ މައްސަލައިގައި ޖަވާބުދާރީވާން ކިހާ މުއްދަތެއް ބޭނުންވޭތޯ ދައުލަތުގެ ވަކީލުން ކުރެން އައްސަވާފަ އެވެ. ދައުލަތުން އެދުނީ ޖަވާބު ދިނުމަށް ރަސްމީ 10 ދުވަހަށް ވުރެ ގިނަ ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

އެ މުއްދަތު އެރުވުމަށް ފަހު މިއަދުގެ ޝަރީއަތުގެ މަޖިލިސް ވަނީ ނިންމަވާލައްވާފަ އެވެ. މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނެ ތާރީހެއް އިއުލާނުކުރައްވާފައެއް ނުވެ އެވެ.

މިއަދުގެ އަޑުއެހުމުގައި އަނަސް ވިދާޅުވީ މަޖިލިހަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުން ރައްޔިތުންގެ ބާރު ނިގުޅައިގަނެވިގެންދާ ކަމަށެވެ.

ގާނޫނު އަސާސީގެ 75 އަދި 90 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ދުސްތޫރީ ވާޖިބު އަދާކުރުމަށް ވަކި ކަންތައްތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. ބަލަން ޖެހޭ ހަމަތަކަކާއި ރިއާޔަތް ކުރަން ޖެހޭ މިންގަނޑުތަކަކާއި ހިފައްޓައި އަދި ނަގަހައްޓަން ޖެހޭ ވަކި އުސޫލުތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ.

މި ބާވަތުގެ މައްސަލަތަކާ ގުޅިގެން ގައުމުތަކުގައި ކަން ހިނގާފައިވާ ގޮތަށް އަލިއަޅުއްވާލައްވައި ސުޕްރީމް ކޯޓުތަކުން ޖުޑީޝަލް ރިވިއުގެ ބާރު އެ ކޯޓުތަކަށް ލިބިގެންވާ ކަމަށް ނިންމާފައިކަން ވެސް ވަކީލު ފާހަގަކުރެއްވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!