ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓް ކުރަން މުއްދަތެއް، ނުކުރާނަމަ ޑީޕޯޓްކުރަނީ

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް (އިނގިލީގެ ނިޝާނާއި ފޮޓޯ) އަޕްޑޭޓްކުރަން މުއްދަތެއް ދީ، އެ މުއްދަތުގެ ތެރޭގައި މައުލޫމާތު އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކޮށް މައުލޫމާތު ނުދޭ ބިދޭސީން ޑީޕޯޓްކޮށްލާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ބިދޭސީންގެ ފީތަކާ އަދި ބަޔޯމެޓްރިކްސްއާ ގުޅޭ ގޮތުން މިނިސްޓްރީން ސަރުކާރުގެ ގެޒެޓުގައި 3 އިއުލާނެއް ޝާއިއުކޮށްފައިވެ އެވެ.
އެއް އިއުލާނެއްގައި ވަނީ، ބިދޭސީންގެ ބަޔޯމެޓްރިކްސް ޑޭޓާ އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހަށް އަޕްޑޭޓްކުރަން އަންގާފައިވެ އެވެ.
"އަދި މި މުއްދަތުގެ ތެރޭގައި ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ބިދޭސީން ދިވެހިރާއްޖެއިން ޑީޕޯޓްކޮށްލެވޭނެ ކަމުގައި ދެންނެވީމެވެ" މިނިސްޓްރީން ބުންޏެވެ.
ދެވަނަ އިއުލާނުގައި މާލެ ސަރައްހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުގައި ވަޒީފާއަދާ ކުރާ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް އަންނަ މާޗު މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ވަޒީފާދޭ ފަރާތުން ކައުންސިލްތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް އަންގާފަ އެވެ.
އަދި ރިޒޯޓްތަކާއި ސަފާރީތަކުގެ އިތުރުން ރަށްރަށުގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެންސީއައިޓީގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރު ނުވަތަ ކައުންސިލު އިދާރާއަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް އަންގާފައިވެސްވެ އެވެ.
އަދި މި މުއްދަތުގެ ތެރޭގައި ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލެވޭނެ ކަމުގައި ދަންނަވަމެވެ.
މިނިސްޓްރީން ޝާއިއުކުރި ތިން ވަނަ އިއުލާނުގައި ބުނީ ބިދޭސީ މަސައްކަތްތެރިންނާއި ގުޅިގެން ދައުލަތަށް ދައްކަންޖެހޭ ފީތައް ގަވާއިދުން ނުދައްކާ ވަޒީފާދޭ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމުން ދެމުންގެންދާ ބައެއް ހިދުމަތްތައް މެދުކަނޑަލާނެ ކަމަށެވެ. އޭގެ ތެރޭގައި އާ ވާކް ޕަމިޓް ދޫކުރުން ހުއްޓާލުންވެސް ހިމެނެ އެވެ.
ނަމަވެސް، ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން ގަވާއިދުން ފައިސާ ދައްކަމުންދާ ފަރާތްތައް އެ ފިޔަވަޅުން އިސްތިސްނާވާނެ އެވެ.
ރާއްޖޭގައި މިވަގުތު ތިބި ބިދޭސީންގެ އަދަދު ދެނެގަތުމަށް ކުރިއަށް ގެންދާ "އޮޕަރޭޝަން ކުރަނގި'' ފެށީ މޭ 2، 2024 ގަ އެވެ.
އެ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 59 ރަށެއްގައި ދިރިއުޅޭ 43،294 ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އޭގެ ތެރެއިން 24,540 ބިދޭސީން ރެގިއުލަރައިޒްކުރެވިފައިވެ އެވެ. އޭގެ ކުރީގެ 5 އަހަރު 2018 އިން 2023 އަށް ރެގިއުލަރައިޒް ކޮށްފައިވަނީ 21،425 ބިދޭސީންނެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި، އިމިގްރޭޝަނާ ގުޅޭ މައްސަލަތައް ރިޕޯޓް ކުރުމަށް ހަދާފައިވާ "އިމިގްރޭޝަން ވޮޗް" އަށް މިހާތަނަށް 1297 މައްސަލަ ހުށަހެޅިފައިވާއިރު އޭގެ ތެރެއިން ނުނިމި އޮތީ 11 މައްސަލައެކެވެ.