ސައުދީއާއެކު އާކައިވްއާ ގުޅޭ އެއްބަސްވުމެއް

ރެކޯޑްސްތައް ބެލެހެއްޓުމާއި އާކައިވް ކުރުމާ ގުޅޭ އެއްބަސްވުމެއް ސައުދީއާއެކު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ރާއްޖެއާއެކު ސައުދީން ސޮއިކުރީ ސައުދީގައި ކުރިއަށް ދިޔަ "އާކައިވްސް އިން ދަ ޑިޖިޓަލް އޭޖް" ކޮންފަރެންސްގެ ތެރެއިން އެވެ.
އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ގައުމީ އަރުޝީފުގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު އާމިރު އަހުމަދު ސޮއި ކުރެއްވި އިރު ސައުދީގެ ފަރާތުން ސޮއިކުރީ އެ ގައުމުގެ ސެންޓާ ފޯ އާކައިވްސް އެންޑް ރެކޯޑްގެ ޑިރެކްޓާ ޖެނެރަލް ޑރ. ފައިސަލް އަބްދުލް އަޒީޒު ތަމީމީ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްހަލީލް މިރޭ އެކްސްގައި ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހީ ކަންކަން ހިމެނޭ ރެކޯޑްސްތަކާއި އިންސްޓްޓިއުޝަނަލް މެމޮރީ ގިނަ ޒަމާންތަކަކަށް ދެމެހެއްޓުން ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަދި އެ އެއްބަސްވުން ވުޖޫދަށް ގެނައުމަށް މަސައްކަތް ކުރެއްވި ދެ ގައުމުގެ ފަރާތްތަކުގެ އަގު މިނިސްޓަރު ވަޒަން ކުރެއްވި އެވެ.
ސައުދީއާއެކު އާކައިވްއާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރި އިރު ސަރުކާރުގެ އިދާރާތަކުގެ ރެކޯޑްސް ބެލެހެއްޓުން ހަރުދަނާ ކުރަން ސަރުކާރުން މިހާރު ވަނީ މަސަައްކަތް ފަށައިފަ އެވެ.
އެގޮތުން ނިމިގެން ދިޔަ ޑިސެމްބަރު މަހު ހިނގި އަލިފާނުގެ ހަދިސާގައި ތިން މިނިސްޓްރީއެއްގެ ޑޭޓާތައް ގެއްލުމާއެކު ސަރުކާރުން މިހާރު ވަނީ ދައުލަތުގެ ޑޭޓާތައް ރައްކާކޮށް ބަލަހައްޓަން ނެޝަނަލް ސޮވަރިން ކްލައުޑެއް ގާއިމުކުރަން ވެސް ނިންމައިފަ އެވެ.
އަދި އޭގެ އިތުރުން ޑިޖިޓަލައިޒޭޝަންގެ ކަންކަމަށް ދުނިޔޭގައި އެކަމުގައި އެންމެ ކުރިއަރާފައިވާ އެސްޓޯނިއާގެ ފަންނީ އެހީ ހޯދަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.