ޚަބަރު ސަރުކާރު

މަސްދަޅު ކޭސްގެ ޓޯކަންގެ އަދަދު އިތުރުކުރަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ދަނީ / ފޮޓޯ:އެސްޓީއޯ

ކުރިއަށް އޮތް ރޯދަ މަހަށް ސަރުކާރުން ބަހާ މަސްދަޅު ކޭސްގެ ޓޯކަން ދޫކުރާ އަދަދު އިތުރުކުރަން ނިންމާފައިވާ ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

އޮންލައިން ޕޯޓަލް، "ރޯދަ ހަދިޔާ" މެދުވެރިކޮށް މަސްދަޅު ކޭސްގެ ޓޯކަން ނެގޭ ގޮތަށް އިއްޔެ ވަނީ ހަމަޖައްސާފަ އެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި މިނިސްޓަރު ޝަރީފު ވިދާޅުވީ މިރޭ 6:00 ގައި ޓޯކަން ދޫކުރުން އަލުން ފަށާއިރު، އަންނަވި ބަދަލުތައް ގެންނަން ނިންމާފައިވާ ކަމަށެވެ.

އެ ބަދަލުތަކަކީ:

  • ކޮންމެ މަރުކަޒަކަށް ދޫކުރާ ޓޯކަންގެ އަދަދު ރެޔަށް ވުރެ އިތުރުކުރުން
  • މިހާރު ޓޯކަން ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ފަހުގެ ތާރީހަކަށް ޓޯކަން ލިބިފައިވާ ފަރާތްތައް، ތާރީހު (އަވަސްކޮށް) ރީޝެޑިއުލް ކުރުމުގެ ފުރުސަތު ދިނުން
  • ޓޯކަން ނެގުން ފަދަ ކަމެއްގައި ހައްލުކޮށްލަން ޖެހޭ ފަދަ ކަމެއް ކުރިމަތިވާ ފަރާތްތަކަށް އެއް ދިމާލަކުން އެކަމަށް އަޅާލައި، އެކަން ހައްލު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން

މިނިސްޓަރު ވިދާޅުވީ މިރޭ ޓޯކަން ދޫކުރަން ފަށާއިރު، މިހާރު ޓޯކަން ލިބިފައިވާ ފަރާތްތަކަށް ހަމަ އެ ޓޯކަންއަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

"ސަރުކާރުގެ އަމާޒަކީ ރޯދަ މަހުގެ ކުރިން ހުރިހާ ފަރާތްތަކަށް ރޯދަ ހަދިޔާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވުމާ އެކު، ހުރިހާ ގޭބިސީއަކަށް ލިބެންދެން ކުރިޔަށްދާނެކަމުގެ ޔަގީންކަން އަރުވަން. ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ،" ޝަރީފް ވިދާޅުވި އެވެ.

އަލުން ޓޯކަން ދޫކުރަން ފަށާއިރު، ބަދަލުތައް ގެނެސް ޓޯކަން ދޫކުރާ އަދަދު އިތުރުކުރާނެ ކަމަށް ވިދާޅުވެފައި ވިނަމަވެސް، އިތުރުކުރަނީ ކިހާ އަދަދެއްގެ ޓޯކަން ކަމެއް ހާމަކުރައްވާފައެއް ނުވެ އެވެ.

މާލެ ސަރަހައްދުން މަސްދަޅު ކޭސް ބެހުމަށް ހަމަޖެެއްސި ސަރަހައްދުތައް:

  • މިފްކޯ ކޮމްޕްލެކްސް (މާފަންނު) - 200 ޓޯކަން
  • އެމްޓީސީސީ ސޯމިލް - 200 ޓޯކަން
  • ހެންވޭރު ދަނޑު - 200 ޓޯކަން
  • ގަލޮޅު ދަނޑު – ސެޓަޕް 1 (50 ޓޯކަން)
  • ގަލޮޅު ދަނޑު – ސެޓަޕް 2 (50 ޓޯކަން)
  • ގަލޮޅު ދަނޑު – ސެޓަޕް 3 (50 ޓޯކަން)
  • ގަލޮޅު ދަނޑު – ސެޓަޕް 4 (50 ޓޯކަން)
  • ސޯޝަލް ސެންޓަރު ވިލިމާލެ - (100 ޓޯކަން)
  • ވެމްކޯ ސައިޓް ހުޅުމާލެ - (100 ޓޯކަން)
  • އުމަރު ޒާހިރު ބިލްޑިން / ހުޅުމާލެ - (100 ޓޯކަން)
  • ޕޮލްކޯ ޓަވާ (ސީ ބްލޮކް) (ހުޅުމާލެ) - (100 ޓޯކަން)
  • ހިޔާ ޓަވަރު 10 (ހުޅުމާލެ) - (100 ޓޯކަން)
  • ކާމިލްދީދީ ޕްރީސްކޫލް - (100 ޓޯކަން)

މިނިސްޓްރީން ބުނީ މަސްދަޅު ބެހުން ކުރިއަށްދާނީ ކޮންމެ ރެއަކު 8:00 އިން 12:00 އަށް ކަމަށެވެ. މި މަސް ނިމެންދެން މަސްދަޅު ބެހުން ކުރިއަށްދާނެ އެވެ. ރޭގަނޑަށް، މަސްދަޅު ބެހުން ބަދަލުކުރީ ދުވާލު ގަޑީގައި މާބޮޑަށް ހޫނުގަދަވާތީ އެވެ.

ކޮންމެ ގޭބީސީއަކަށް ދޫކުރަން ހަމަޖެހިފައި ވަނީ 48 ދަޅުގެ މަސް ކޭހެކެވެ. މަސްދަޅު ކޭސް ބަލައިދާއިރު، ގޭބިސީގެ ކަރަންޓު މީޓަރު އެނގޭ ފަދަ ލިޔުމަކާއި އެ މީހެއްގެ އައިޑީކާޑު ހިފައިގެން ދިއުމަށް ވަނީ އެދިފަ އެވެ.