ވެންޓިލޭޓަރު މައްސަލަ: އެކްޒެކިއުޓާސް ކުންފުންޏާ ދެކޮޅަށް ޔޫއޭއީގައި ޖިނާއީ ތަހުގީގެއް ހިންގަން އެދެން ކޮމިޓީން ހުށަހަޅައިފި

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ސަރުކާރުން ވެންޓިލޭޓަރު ހޯދުމަށް ފައިސާ ދިން ދުބާއީ ކުންފުނި، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ދެކޮޅަށް ދުބާއީގައި ޖިނާއީ ތަހުގީގެއް ހިންގަން އެދެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން, ޕީޖީއަށް ހުށަހަޅަން ނިންމައިފި އެވެ.
އެ ކުންފުނިން ވެންޓިލޭޓަރު ގަތުމަށް ހެލްތު މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ އޭޕްރީލް 2، 2020 ގަ އެވެ. އެ ކުންފުނިން އެދިގެން، ގެރެންޓީއާ ނުލައި 30 މިލިއަން ރުފިޔާ ސަރުކާރުން އޮތީ ދީފަ އެވެ. އެކަމަކު ވެންޓިލޭޓަރުތައް ޑެލިވާކޮށްފައި ނުވާތީވެ ދެއްކި ފައިސާ ނުލިބުނު މައްސަލަ އޮތީ އާބިޓްރޭޝަނަށް ހުށަހަޅާފަ އެވެ. އެ ފައިސާ އަނބުރާ ލިބުން ނާދިރު ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް އޮތީ ވިދާޅުވެފަ އެވެ.
މިއަދު ކުރިއަށް ދިޔަ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ހުށަހެޅުއްވީ އެ މައްސަލަ ޕީޖީއަށް ހުށަހެޅުމަށެވެ.
ނާޒިމްގެ ހުށަހެޅުމަށް ތާއީދުކުރައްވަމުން އެ ކޮމިޓީގައި އިންނަވާ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ އެކްޒެކިއުޓާސް ކުންފުނީގެ މައްސަލަ ދިވެހި ސަރުކާރުން ޔޫއޭއީގެ ފުލުހުންނަށް ހުށަނާޅަނީ ކީއްވެގެންތޯ ސުވާލުކޮށްފަ އެވެ.
ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން ވިދާޅުވީ އެ ކުންފުންޏަކީ ޕޭޕާ ކުންފުންޏަކަށްވާއިރު، ކުންފުނީގެ ވެރިން ދުބާއީގައި މިހާރު ތިބިކަންވެސް ޔަގީންނުވާ ކަމަށެވެ. އޭގެ ބަދަލުގައި ފައިސާ ހޯދަން ޖެހޭނީ އެކަމުގައި އިހުމާލުވި ފަރާތްތަކުން ކަމަށް އަޒާން ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ވެންޓިލޭޓަރު ހޯދުމަށް ފައިސާ ދިން އެގްޒެކިއުޓާސްއާ ދެކޮޅަށް ދުބާއީގައި ޖިނާއީ ތަހުގީގެއް ހިންގަން އެދެން ޕީޖީއަށް ހުށަހަޅާށެވެ.