ބެސްޓިނެޓް މައްސަލައިގައި އިހުމާލުވި ކުރީ ސަރުކާރު ވެރިންނަށް ޖިނާއީ ތަހުގީގު ހިންގަން ހުށަހަޅާނަން: އިހްސާން

ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއްކޮށް، ބްލެކްލިސްޓުވެފައިވާ މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ ރާއްޖޭގެ އެކްސްޕެޓް ސިސްޓަމް ހަދަންވި އެއްބަސްވުމާ މެދު ގޮތް ނުނިންމައި އިހުމާލުވެ، ދައުލަތަށް ފައިދާވާ ގޮތަށް އޮތް މައްސަލައެއްގައި ގެއްލުންވާ ގޮތަށް އަމަލުކުރި، ކުރީ ސަރުކާރުގެ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅުއްވާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
އިހްސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުސްވި މަހު އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ހުށަހެޅީ އެ ޕާޓީއަށް ނިސްބަތްވާ 12 މެމްބަރުންގެ ސޮޔާ އެކުގަ އެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގައި އިހްސާނަށް ކުރާ އެއް ތުހުމަތަކީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަނުން ބޭނުން ކުރުމަށް ރާއްޖޭގެ ކުންފުންޏަކުން އޮންލައިން އެކްސްޕެޓް ސިސްޓަމެއް ގާއިމު ކޮށްފައިވަނިކޮށް އެކަން ހުއްޓުވައި، ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއްކޮށް، ބްލެކްލިސްޓުވެފައިވާ މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏަކާ ހަވާލުކޮށްފައިވުމެވެ. އެކަމުގެ ސަބަބުން އަހަރަކު 460 މިލިއަން ރުފިޔާ ދައްކަން ޖެހިފައިވާ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.
މައްސަލައިގައި ޖަވާބާދާރީވުމަށް މަޖިލިހަށް މިއަދު ހާޒިރުކޮށް ކުރި ސުވާލަކާ ގުޅިގެން އިހްސާން ވިދާޅުވީ މިހާރު ބޭނުންކުރަމުންދާ ސިސްޓަމަކީ ރާއްޖޭގެ ކުންފުންޏަކުން ޑިޒައިންކޮށްގެން "އިމްޕްލިމެންޓް" ކޮށްފައިވާ ސިސްޓަމެއް ކަމަށް މެމްބަރުން ފާހަގަކުރާ ކުރުމަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. ސިސްޓަމަކީ 2012 ވަނަ އަހަރުން ފެށިގެން، މިދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި ވެރިކަންކުރި 3 ސަރުކާރުން އެކި ފަހަރުމަތިން މީހުންނާ ހަވާލުކޮށްގެން މިނިސްޓްރީތަކުން "ޑިވެލޮޕް" ކުރަމުން އަންނަ ސިސްޓަމެއް ކަމަށެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވަނީ މި ސިސްޓަމް ފުރިހަމަ ނުވާތީކަން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ބޭނުމެއް ނޫން 5 އަހަރު ވަންދެން މި ސިސްޓަމަކާ އަޅައިގަނެގެން މިކަމެއް ޑިވެލޮޕްނުވެ، ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން ދޭން ޖެހޭ ސަލާމަތާއި ރައްކާތެރިކަމާ ދޭން ޖެހޭ އަވަސް ހިދުމަތް ނުލިބިގެން އަޅުގަނޑުމެން ތާށިވެފައި ތިބޭކަށް،" އާ ސިސްޓަމެއް ހޯދަން ޖެހުނު ސަބަބު ފާހަގަކުރައްވާ އިހްސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ބެލެހެއްޓުމަށް ބެސްޓިނެޓް އާއެކު އެއްބަސްވުމެއް ހަދައި މަސައްކަތް ފަށާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރު ކަމުގަ އެވެ.
މިނިސްޓަރު ވަނީ ހުށަހަޅާފައިވާ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ކުރީ ސަރުކާރަށް އެނގިފައި ނުވާ ކަމަށާއި ކުންފުނީގެ ފަރާތުން ސަރުކާރުން އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިނުވާ ކަމަށް ބުނެފައި ވިނަމަވެސް ކަން ހިނގާފައި ވަނީ އެގޮތަށް ނޫން ކަމުގައި ފާހަގަކުރައްވާފަ އެވެ. އެގޮތުން ބައެއް ތަފުސީލުތަކަށް އަލިއަޅުއްވާލެއްވި އެވެ.
- 26 ސެޕްޓެމްބަރު 2019 - 13.7 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް އެގްރިމެންޓާ ގުޅިގެން ކޮށްފައިވުން. އެކަމުގެ ތަފުސީލު ހާމަކޮށް އެގްރިމެންޓުގައި އެއްބަސްވެފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް އެ ކުންފުނިން އިމިގްރޭޝަނަށް ސިޓީއެއް ފޮނުވާފައިވުން. އެހެންނަމަވެސް އެ ސިޓީއަށް ޖަވާބުދީފައި ނުވާ ކަމަށް.
- 11 ޑިސެމްބަރު 2019 - ކަމާ ގުޅިގެން ގާނޫނީ މައްސަލަތައް ނިކުތުމުގެ ފުރުސަތު އޮތް ކަމަށާއި ދައުލަތަށް މާލީ ގޮތުން ބޮޑު ބުރައެއް އުފުލަން ޖެހިދާނެ ކަމަށް ބުނެ ލަފައަކަށް އެދި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިން އޭރުގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތަށް ސިޓީއެއް ފޮނުވާފައިވުން
އިތުބާރު ނެތްކަމުގެ މައްސަލައިގައި ދައުލަތަށް ފައިދާއެއް ވާން އޮއްވައި، ގެއްލުންވާ ގޮތަށް އަމަލުކުރި ކަމަށް ކޮށްފައިވާ ތުހުމަތާ ގުޅޭގޮތުން އިހްސާން ވިދާޅުވީ އެފަދަ ކަމެއް ކުރާ މީހެއްގެ މައްޗަށް ގާނޫނުލް އުގޫބާތުގެ ދަށުން ޖިނާއީ ތުހުމަތު ކުރެވި މައްސަލަ ބަލަން ޖެހޭ ކަމަށެވެ.
ޖަލްސާ ނިންމާފައި ވަޑައިގެން، މިދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި މި މައްސަލައަށް އެއްވެސް ހައްލެއް ނުހޯދައި ދައުލަތަށް ފައިދާވާ ގޮތަށް އޮތް މައްސަލައެއްގައި ގެއްލުންވާ ގޮތަށް އަމަލުކުރި ކުރީ ސަރުކާރުގެ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް ހުށަހަޅުއްވާނެކަން ފާހަގަކުރެއްވި އެވެ.
"...ކުރީ ސަރުކާރުގެ ހުރިހާ ވެރިންގެ މައްޗަށް، މިކަން އެނގި ތިބި ހުރިހާ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި އޭސީސީއަށް ހުށަހަޅާނަން،" އިހްސާން ވިދާޅުވި އެވެ.