ޚަބަރު ސިޔާސީ

ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރާ ބިލު ފާސްނުކުރަން ގޮވާލައި 62 ވަކީލުންގެ ޕެޓިޝަނެއް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލިހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

Ads by STELCO

62 ވަކީލުންގެ ސޮޔާ އެކު މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސްކޮށް ހުށަހެޅި ޕެޓިޝަނުގައި ބުނީ ހޮޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) ހުށަހަޅާފައިވާ ބިލަކީ ސުޕްރީމް ކޯޓުގެ 2 ފަނޑިޔާރަކު މަގާމުން ވަކި ކުރުމަށް ލާޒިމުވާ ގޮތަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. ބިލުގައިވާ ގޮތުން 2 ފަނޑިޔާރުން މަގާމަށް ގާބިލު ނޫން ކަމަށް ކަނޑައަޅައި މަޖިލިހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލާޒިމުވާ ކަމަށެވެ.

ގާނޫނު އަސާސީގައި ފަނޑިޔާރުން ތަބާވާން ޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތް ކުރާހާ ހިނދަކު، ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ފަނޑިޔާރުންނަކީ ކަނޑައެޅޭ ވަކި މުއްދަތަކަށް އައްޔަންކުރެވޭ ބައެއް ނޫން ކަމަށް ވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

"ކޯޓުތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ގާނޫނު އަސާސީގެ އިސްވެ ބުނެވުނު މާއްދާތަކުން ފަނޑިޔާރުންނަށް ކަށަވަރުކޮށްދީފައިވާ ހިމާޔަތަށް އަސަރުކުރެ އެވެ. ފަނޑިޔާރުންގެ މަސައްކަތާ އެއްވެސް ގޮތަކުން ބެހި ނުފޫޒު ފޯރުވުމަކީ ގާނޫނު އަސާސީގެ 141 (ނ) އިން މަނާކުރާ ކަމެކެވެ،"

ޕެޓިޝަނުގައި ބުނި ގޮތުގައި ކޯޓުތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން 'ފަނޑިޔާރު މަގާމަށް ގާބިލު ނޫންކަމުގެ ހާލަތު' އުފެއްދުން ޖޭއެސްސީއަށް ލާޒިމުވާ ކަމުގަ އެވެ. ނަމަވެސް ފަނޑިޔާރު މަސައްކަތަށް ގާބިލު ނޫންކަން ކަނޑައެޅުމުގައި ބަލާނީ ކޮން ކަންތައްތަކަކަން، އަދި ވަކިވަކިން ކޮންމެ ފަނޑިޔާރެއްގެ މައްސަލަ ހޯދައިގެން ބަލާނީތޯ ފަދަ އެއްވެސް ތަފުސީލެއް ބިލުގައި ދީފައިނުވާ ކަމުގަ އެވެ.

ބިލުގައި އޮތް ގޮތުން 'ގާބިލު ނޫން ފަނޑިޔާރުން' ގެ ނަންތައް 5 ދުވަހުގެ ތެރޭގައި މަޖިލިހަށް ހުށަހެޅުމަށް ޖޭއެސްސީގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާތުތަކަށާއި މުއްދަތުތަކަށް އިސްތިސްނާ ދިނުމުގެ ބާރު ވެސް އެ ކޮމިޝަނަށް ލިބިދީފައިވާ ކަމަށް ޕެޓިޝަނުގައިވެ އެވެ. އެގޮތަށް ބަދަލު ގެނައުމުން ޖޭއެސްސީން ބަލަމުން ގެންދާ މައްސަލައިން ދިފާއުވުމަށް ފަނޑިޔާރުންނަށް ލިބިދޭ ފުރުސަތުތަކާއި މުއްދަތު ނުދިނުމުގެ އިހުތިޔާރާއި އެ ގާނޫނުތަކުގެ މާއްދާތަކަށް 'އިސްތިސްނާ ގެނައުމުގެ ބާރު ވެސް' ޖޭއެސްސީއަށް ލިބިގެންދާ ކަމަށެވެ. އަދުލުއިންސާފުގެ ހަމަތަކާއި އެއްގޮތަށް ކަންކުރެވުމަކީ ފަނޑިޔާރުންނަށް ވެސް އޮންނަންވާނެ ހައްގެއްކަން ވަނީ ފާހަގަކޮށްފަ އެވެ.

ޕެޓިޝަނުގައި ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހެޅިފައި ވަނީ މަޖިލިހުގެ މެމްބަރުންނާ ގުޅުންހުރި މައްސަލައެއް ސުޕްރީމް ކޯޓުގައި ހިނގަމުންދާ
ދަނޑިވަޅެއްގައި ކަމަށެވެ.

"މި ދަނޑިވަޅުގައި، ކޯޓުތަކުގެ ގާނޫނަށް ބަދަލު ގެނެސްގެން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން
ވަކިކުރުމަށް މަސައްކަތް ކުރުމަކީ ރައްޔިތުންގެ މަޖިލީހުން އެ މައްސަލައަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް ކަމަށް ތުހުމަތު ކުރުމަށް ޖާގަ ލިބި، އެކަމުގެ ސަބަބުން އާންމު ހަމަޖެހުމާއި ސުލްހަވެރި ކަމަށް ހުރަސް އެޅިގެން ހިނގައިދިއުމުގެ ފުރުސަތު އޮތްކަން ވެސް ފާހަގަ ކުރަމެވެ،"

އަދި އަދުލުއިންސާފުގެ ދާއިރާ އާ މެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރަށް އެކަމުގެ ސަބަބުން ނޭދެވޭ
އަސަރު ކުރާނެކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އެ ސަބަބުތަކާ ހުރެ، ބިލު މިވަގުތު މަޖިލިހުން ފާސްކުރުމަކީ ރަނގަޅު ގޮތެއް ކަމަށް ނުފެންނާތީ، ބިލު ފާސް ނުކުރުމަށް ޕެޓިޝަނުގައި ވަނީ ގޮވާލާފަ އެވެ. އަދި ބިލާ މެދު ކޮމިޓީން ގޮތް ނިންމުމުގެ މަރުހަލާގައި ހިއްސާކޮށްފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، އެ ކަންކަން ކޮމިޓީގެ ރިޕޯޓުގައި ހިމަނައިދިނުމަށް އެދިފައިވެ އެވެ.