ޚަބަރު

ސިއްހީ ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ދެ ގައިޑލައިން ނެރެފި 

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ސިއްހީ ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ދެ ގައިޑލައިން ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ހެލްތު މިނިސްޓްރީ

ރާއްޖޭގައި ކުއްލި ހާލަތުގައި ފަރުވާދޭން ޖެހޭ އިމަޖެންސީ ހާލަތެއް އަތުވެއްޖެނަމަ އަމަލުކުރާނެ ގޮތާ ގުޅާ ދެ ގައިޑްލައިންއެއް މިއަދު ނެރެފި އެވެ.

Ads by STELCO

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ގައިޑްލައިން ނެރެދެއްވީ ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރެޕްރެޒެންޓޭޓިވް ޕޭޑެން އެވެ.

މިއަދު އިފްތިތާހުކޮށްފައި ވަނީ އިމަޖެންސީ މެޑިކަލް ސާވިސަސް ޕްރޮޓޮކޯލް އަދި މާސް ކެޝުއަލްޓީ މެނޭޖްމަންޓް ގައިޑްލައިން އެވެ.

އެގޮތުން  ރާއްޖޭގައި ކުއްލި ހާލަތުގައި ފަރުވާދޭންޖެހޭ އިމަޖެންސީ ހާލަތެއް އަތުވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ ފުރިހަމަ މައުލޫމާތު އެ ދެ ގައިޑްލައިންގައި ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާއި ސިއްހީ ހިދުމަތެރިން އަމަކުރާނެ ގޮތުގެ މައުލޫމާތު ވެސް ހިމެނެ އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނި ގޮތުގައި ސިއްހަތަށް ކުރާ އަސަރުތައް ބެލެހެއްޓުމަށްޓަކައި މީގެ ކުރިން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ޕްލޭން (އެންއީއޯޕީ) އާއި ހެލްތު އިމަރޖެންސީ އޮޕަރޭޝަނަލް ޕްލޭން (އެޗްއީއޯޕީ) ތައާރަފްކޮށްފައި އޮތް ނަމަވެސް  މާސް ކެޝުއަލްޓީ އިންސިޑެންޓް (އެމްސީއައި) ތަކަށް ޕްލޭންތަކެއް ރޭވިފައި ނެތް ކަމަށެވެ.

ނަމަވެސް މިއަދު އިފްތިތާހުކުރި ދެ ގައިޑްލައިންއާއެކު  އެމްސީއައި ތަކަށް ހިދުމަތް ދިނުމަށް ފުރިހަމަ އަމަލީ ޕްލޭނެއް ގާއިމުކުރެވިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އަދި ގައިޑްލައިންތައް ތަންފީޒުކުރުމުން ފުރާނަތައް ސަލާމަތްކުރެވި، އަދި ގެއްލުން ކުޑަކުރެވޭނެކަމަށް ވެސް ބުންޏެވެ.

ގައިޑްލައިން ނެރެދެއްވުމަށް ފަހު ހެލްތު މިނިސްޓަރު ވިދާޅުވީ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ނިޒާމުތައް ހަރުދަނާނުކޮށް ރަނގަޅު ނަތީޖާއެއް ނުހޯދޭނެ ކަމަށާއި ހަރުދަނާ ނިޒާމެއް ގާއިމުވެފައިވާނަމަ ކުރަން ޖެހޭ ހަރަދު ކުޑަވެ، ރައްޔިތުންނަށް ބޭނުންވާ ފައިދާ ހޯދައި ދެވޭނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!