ޚަބަރު

ކަރަންޓު ބިލަށް 10 އިންސައްތަ ޑިސްކައުންޓް ދޭ ގޮތަށް މާދަމާ ރީޑިން ނަގަނީ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
މާލޭގައި ހުންނަ ސްޓެލްކޯގެ މައި އިމާރާތް

ރޯދަ މަހު ކަރަންޓު ބިލަށް 10 އިންސައްތަ ޑިސްކައުންޓު ދޭގޮތަށް މާދަމާ ރީޑިން ނަގަން ފަށާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ.

Ads by STELCO

ސަރުކާރުން ނިންމާފައިވާ ގޮތަށް ސްޓެލްކޯއިން ބިލުތައް ތައްޔާރުކުރާ ގޮތަށް ގެންނަ ބަދަލާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ސަލީމް ވިދާޅުވީ ރޯދަ މަހުގެ ބިލުތައް ތައްޔާރުކުރާނީ މާޗް މަހަށް ހާއްސަކޮށް ރީޑިން ނަގައިގެން ކަމަށެވެ.

ސަލީމް ވިދާޅުވީ މިދިޔަ އަހަރު ރޯދަ މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމުގައި ދިމާވި ދަތިތައް ހައްލުކުރުމުގެ ގޮތުން މި އަހަރުގެ ރޯދަ މަހު އަތޮޅުތެރެ އާއި މާލެ ސަރަހައްދުގެ ގޭބީސީތަކުގެ ރީޑިން އެއް ދުވަހުން ނެގުމަށް ޓަކައި މާދަމާ އެ ކުންފުނީގެ 350 މުވައްޒަފުން ރީޑިން ނެގުމަށް ނުކުންނާނެ ކަމަށެވެ.

މި ކަމާ ގުޅޭ އިތުރު ތަފުސީލް ދެއްވަމުން ވިދާޅުވީ ފެބްރުއަރީ މަސް ނުވަތަ ޝައުބާން މަސް ނިމޭއިރު ރީޑިން ނެގުމަށްފަހު، ރޯދަ މަސް ފެށޭ ހިސާބާއި ނިމޭ ހިސާބުގައި ރީޑިން ނެގުމުން ރޯދަ މަހު ކޮންމެ ގޭބީސީއަކުން ކަރަންޓާއި ފެން ބޭނުންކުރިވަރު އެނގޭނެ ކަމަށެވެ.

"އޭރުން އަޅުގަނޑުމެންނަށް އިނގޭނެ ހުރިހާ ގެއަކުން ވެސް ރަމަޟާން މަސް ފެއްޓެންވީމަ އެ ގެއެއްގެ ރީޑިން އިނީ ކިހާވަރެއްގައި ކަން. ދެން އަޅުގަނޑުމެން ރީޑިން ނަގާނީ ރަމަޟާން މަސް ނިމޭ ހިސާބުގައި. އެ ވާގޮތަކީ ޝައުބާން މަސް ނިމިގެން ރަމަޟާން މަސް ފެށޭ ދުވަހަށް އެއިނީ ރީޑިން ނެގިފައި، ދެން ނިމޭ ދުވަހަށް ރީޑިން ނެގީމަ ސީދާ ރަމަޟާން މަހު ދިވެހި ރައްޔިތުން ބޭނުންކުރާ ކަރަންޓާއި ފެނާ އޭރުން އަޅުގަނޑުމެންނަށް ރަނގަޅަށް ހިސާބުކޮށް ބިލު ތައްޔާރު ކުރެވޭނީ،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ އެގޮތަށް ރީޑިން ނެގުމުން ކޮންމެ ގޭބީސީއަކަށް ދާނީ އެންމެ ބިލެއް ކަމަށެވެ. އަދި އެ ބިލުގައި ހިމެނޭނީ ހަމައެކަނި ރޯދަ މަހުގައި ބޭނުންކުރި ފެނާއި ކަރަންޓުގެ އަދަދު ކަމަށް ސަލީމް ފާހަގަކުރެއްވި އެވެ.

މި އަހަރުގެ ރޯދަ މަހުގެ ކަރަންޓު ބިލުން ކޮންމެ ގޭބީސީއަކަށް މަދުވެގެން 10 އިންސައްތަ އާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ސްޓެލްކޯގެ ސީނިއާ މެނޭޖަރު އަލީ މުޖްތަބާ މުހައްމަދު ވިދާޅުވި އެވެ.

ޑިސްކައުންޓް ދިނުމުގައި އަމަލުކުރާނީ މިދިޔަ އަހަރެކޭ އެގޮތަށް ކަމަށާއި، އެންމެ ކުޑަ ބިލަށް ވެސް މަދުވެގެން 10 އިންސައްތަ އާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި ގިނަވެގެން ވަކި އިންސައްތައެއް ކަނޑައަޅާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

މުޖްތަބާ ވިދާޅުވީ ޑިސްކައުންޓް ދިނުމުގައި ބަލާނީ ރޯދަ މަހުގެ ބިލާ އަދި ފާއިތުވި 9 މަހުގެ ބިލާ އަޅާ ކިޔުމަށްފަހު އޭގެ ތަފާތު ކަމަށެވެ.

"އާންމުކޮށް ބިލަށް އަރާ މިންވަރަކީ 1،500 ރުފިޔާ ވެއްޖިއްޔާ، ރޯދަ މަހުގެ ބިލަކީ 2،000 ކަމަށް ވެއްޖިއްޔާ އެ ދޭތެރޭގައި އިންނަ ފަރަގޭ ޑިސްކައުންޓުގެ ގޮތުގައި މި ދެނީ،" މުޖްތަބާ ވިދާޅުވި އެވެ.

ބިލު ކަނޑައަޅާއިރު، ޗުއްޓީއެއް ފަދަ ތަނަކަށް ގޮސް ހުރި ނަމަ ރޯދަ މަހުގެ ބިލު އާންމު މަސްތަކަށް ވުރެ ކުޑަވުން އެކަށީގެންވާކަން ފާހަގަކޮށް، މުޖްތަބާ ވިދާޅުވީ އެފަދަ ހާލަތްތަކުގައި ވެސް ކޮންމެ ގޭބީސީއަކަށް މަދުވެގެން 10 އިންސައްތަ ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

އެ ބައްދަލުވުމުގައި މުޖްތަބާ ވަނީ ސްޓެލްކޯއިން ބިލުތައް ތައްޔާރުކުރަން ރީޑިން ނަގާ ގޮތަށް ގެންނަން ނިންމާފައިވާ ބަދަލުތައް ހިއްސާކުރައްވާފަ އެވެ.

ރޯދަ މަހުން ފެށިގެން މަހުގެ ފަހުކޮޅުގައި ރީޑިން ނަގަން ނިންމީ ކަސްޓަމަރުންނަށް މުސާރަ ލިބޭ ދުވަސްކޮޅު ބިލު ދެއްކުމަށް ފަސޭހަތަކެއް ހުރިކަން ފާހަގަކުރެވިގެން ކަމަށް މުޖްތަބާ ވިދާޅުވި އެވެ.

ޔުޓިލިޓީ ބިލުތަކުން މި ރޯދަ މަހު ވެސް ޑިސްކައުންޓް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މި ހަފުތާގައި ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.